ޚަބަރު

ޕެރިސް މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިއްޖެ: އެމެރިކާ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނެސް ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރަމުުންދާ މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިފައިވާ ކަން އެމެރިކާއިން ހާމަކޮށްފިއެވެ.

އެމެރިކާއިން ބުނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށްދާ މަޝްވަރާތަކުގައި ޙަމާސާއި ޔަހޫދީންނާ ދެމެދު އެކުލަވައިލަން މަސައްކަތް ކުރަމުންދާ އެއްބަސްވުން ބިނާ ކުރާނެ އަސާސްތަކާއި އެއްބަސްވުމުގައި ހިމަނާނެ މާއްދާތަކާ ގުޅޭ ގޮތުން ގޮތްތަކެއް ނިންމިފައިވާ ކަމުގައެވެ. ޤަޠަރާއި މިޞްރުން އިސްނަގައިގެން ބާއްވާ މަޝްވަރާތަކުގައި ޔަހޫދީންގެ އިތުރުން އެމެރިކާގެ ވަފުދެއް ވެސް ބައިވެރިވެއެވެ.

މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ އެއްބަސްވުމެއް ބިނާ ކުރާނެ އަސާސްތަކާ ގުޅޭ ގޮތުން އެމެރިކާއާއި ޤަޠަރާއި މިޞްރާއި ޔަހޫދީންގެ މެދުގައި ގޮތްތަކެއް ނިންމިފައިވާ ކަމުގައެވެ.

"އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް. މިހާރު ކުރަމުން މި ދަނީ, އެއްބަސްވުމުގައި ހިމަނާނެ ތަފުސީލީ މާއްދާތަކުގެ މަޝްވަރާތައް. އެއަށްފަހު, ޤަޠަރާއި މިޞްރުން ޙަމާސް ޖަމާޢަތުގެ އޮފިޝަލުންނާ ބައްދަލު ކުރާނެ. ކޮންމެ ވެސް ދުވަހަކުން ޙަމާސަށް ޖެހޭނީ އަސީރުން މިނިވަން ކުރަން،" ސަލިވަން ވިދާޅުވިއެވެ.

މަޝްވަރާތަކުގެ ބައިވެރިންގެ އުންމީދަކީ, ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވައިލެވުން ކަމުގައި ވެސް ސަލިވަން ވިދާޅުވިއެވެ. ޤަޠަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ކުރިއަށް އޮތް ބައިތައް ޙަމާސުން ވެސް މަޝްވަރާތަކުގައި ބައިވެރިވާނެ ކަމުގައި މިޞްރުން ބުނެއެވެ.

ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙަމާސާއި ޔަހޫދީންނާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލާ ޙަމާސުން ވަނީ އަސީރުންގެ ތެރެއިން 100 އެއްހާ މީހުން މިނިވަން ކޮށްފައެވެ. ނަމަވެސް, ހަތް ދުވަހަށް ފަހު އެއްބަސްވުން ވަނީ އުވައިލާފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ވީ އެންމެ އަވަހަކަށް އެއްބަސްވުމެއް އެކުލަވައިލާ ޢުދުވާންތައް ހުއްޓައިލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ބާރު އަޅަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,000އަށް އެރުމާ ގާތުގައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 70,000އަށް އަރައެވެ.