ހަނިމާދޫ އެއަރޕޯޓް މަޝްރޫޢު ފަރުމާކޮށްފައިވަނީ ދިގުރާސްތާގައި ޑިމާންޑަށް ބޭނުންވާ އެކަށީގެންވާ ކެޕޭސިޓީ ނެތިކަމަށާއި، އެއަރޕޯޓް ރަންވޭ މިހާރަށްވުރެ ބޮޑުކުރުމަށް ޕްރޮޖެކްޓަށް މާލީ އެހީދޭ އިދާރާއާއެކު މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހދ.ހަނިމާދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޮޑުތިލަދުންމައްޗަކީ ސަރުކާރުން ބޮޑު ތަޞައްވުރެއް ގެންގުޅޭ ސަރަޙައްދެއްކަމަށެވެ. އެގޮތުން ހަނިމާދުއަކީވެސް އާބާދީ އެއްފަސްކުރުމުގެ ފުރުޞަތު އޮތް ރަށަކަށްވުމާއެކު، ރަށުގައި ޚިދުމަތްތައްވެސް ޤާއިމުކުރައްވާނީ އެ ވިސްނުމުގައިކަމަށެވެ.
ސަރުކާރުން ބޮޑުތިލަދުންމައްޗަށް ކަނޑައަޅާފައިވާ ޢަމާޒަކީ މިސަރަޙައްދުގެ ފަތުރުވެރިކަމަށް 8000 އެނދު ނެރުމަށެވެ. ރައީސް ވިދާޅުވީ މިމަޝްރޫޢުތައް ކުރިއަށްދާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓަކީ މިސަރަޙައްދަށް ކޮންމެހެން މުހިންމު މަޝްރޫޢެއްކަމަށެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާއި އަދި އެ ޕްރޮޖެކްޓް ފަރުމާކޮށްފައި އޮތްގޮތުން އެއީ ދިގުރާސްތާއަށް އެންމެ އެކަށީގެންވާ ކެޕޭސިޓީ ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ބޮޑު މަޝްރޫޢެއް ހިންގާއިރު، އެކަމުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި ލިބޭގޮތަށް އިޤްތިޞާދީ ހަރަކާތްތަކާއި ތަރައްޤީ ގެންނަންޖެހޭކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް މިހާރަށްވުރެ ފުޅާކޮށް، ރަންވޭ ބޮޑުކުރުމަށް މިމަޝްރޫޢުގެ އިންވެސްޓަރާއި ވާހަކަދައްކަވައިގެން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިހާ ބޮޑު ޚަރަދެއް ޕްރޮޖެކްޓަށް ކުރާއިރު 2.46 ކިލޯމީޓަރުގެ ރަންވޭއެއް މިހެދެނީ. މިއީ މި އެއަރޕޯޓްގައި ހުންނަންޖެހޭ ސްކޭލަށްވުރެ ކުޑަ ސްކޭލެއް. ރަންވޭ ބޮޑުވާންޖެހޭ. ލޯނު ހަމަޖެއްސި ފަރާތާއި ވާހަކަދައްކައިގެން ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރުމަށް މަޝްވަރާކޮށް ފުރުޞަތު އޮތްތޯ ބަލާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަނިމާދޫގައި ތަރައްޤީގެ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަވާނީ ދުރުރާސްތާއަށް ޢަމާޒުކޮށްގެން ކަމަށެވެ. އެގޮތުން ރަށުގައި ޚާއްސަ އިސްކަންދޭ މަޝްރޫޢުގެ ގޮތުގައި ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ހަނިމާދޫގައި އަޅަން ނިންމި 30 އެނދުގެ ހޮސްޕިޓަލަށް ކުވެއިތު ފަންޑުން ލިބުނު ހިލޭ އެހީ ގެއްލުނީ އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ކަންކަން ރާއްޖެއިން ފުރިހަމަނުކޮށް އޮތްވާ ފަންޑުގެ މުއްދަތު ހަމަވެގެންކަމަށެވެ. ނަމަވެސް މި ސަރުކާރުން ޒަމާނީ ވަސީލަތްތަކާއެކު ހަނިމާދޫގައި އައު ހޮސްޕިޓަލެއް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމަސައްކަތްތަކުގެ އިތުރުން ހަނިމާދޫގެ ތަޢުލީމީ ނިޒާމު ރަނގަޅުކުރުމާއި ވަސީލަތްތައް އިތުރުކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއްވެސް ރަށުގައި ހިންގަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.