ޚަބަރު

ޣައްޒާގެ ކުރިމަގުގެ މަޝްވަރާތައް ފެށުމުން ފަލަސްޠީނުގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވައިފި


ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކަށް ފަހު ޣައްޒާގައި ވެރިކަން ހިންގާނެ ގޮތަކާ މެދު މަޝްވަރާތައް ފެށުމުން ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އިޝްތިއްޔާ އިސްތިޢުފާ ދެއްވައިފިއެވެ. ޣައްޒާއަށް ވެރިކަން ފުޅާ ކުރަން ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ބޭނުންވެއެވެ. އަދި އެމެރިކާއިން ދަނީ އެ ކަމުގައި ޕީއޭއަށް ބާރު އަޅަމުންނެވެ.

ޕީއޭގެ ހިންގުން ހަރުދަނާކޮށް, ޣައްޒާއަށް ވެރިކަން ފުޅާ ކުރުމުގެ ޕްލޭނެއް އެކުލަވައިލަން އެމެރިކާއިން ވަނީ ޕީއޭގެ ވެރިޔާ އަދި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާހަށް ހުށަހަޅާފައެވެ. އިޝްތިއްޔާ އިސްތިޢުފާ ދެއްވި ނަމަވެސް އޭނާގެ އިސްތިޢުފާ އައްބާސް ގަބޫލު ކުރައްވާފައިވާ ކަން ސާފެއް ނޫނެވެ. އަދި އައު ބޮޑުވަޒީރެއް ޢައްޔަން ކުރެވެން ދެން ވަގުތީ ގޮތުން އެ މަޤާމު ފުރުއްވަން އައްބާސް އިޝްތިއްޔާގެ އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

"އަޅުގަނޑު މި އިސްތިޢުފާދެނީ, ހުޅަނގު އައްސޭރިއާއި ބައިތުލްމަޤްދިސްގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާންތައް ފުޅާކޮށް އިތުރު ކުރާތީ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ހިންގަމުންދާތީ. ޣައްޒާގެ މުސްލިމުން ހައިހޫނު ކަމުގައި ޝަހީދުވަމުންދާތީ،" އިޝްތިއްޔާ ވިދާޅުވިއެވެ.

މީގެ 30 އަހަރު ކުރިން ސޮއި ކުރި އޮސްލޯ އެއްބަސްވުމުގެ ދަށުން އެކުލަވައިލި ޕީއޭ އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގަމުން ނުދާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ފަލަސްޠީނުގެ ބޮޑުވަޒީރަކީ ގިނަ ޒިންމާތަކެއް ހަވާލު ކޮށްފައިވާ މަޤާމެއް ނޫނެވެ. ނަމަވެސް އެ މަޤާމުން އިޝްތިއްޔާ އިސްތިޢުފާ ދެއްވުމުން އައްބާސްގެ ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަަމަށް ޤަބޫލު ކުރެވެއެވެ.

އިޝްތިއްޔާގެ އިސްތިޢުފާއާ ގުޅިގެން ބައިނަލްއަޤުވާމީ މަސްރަޙުގައި ޕީއޭގެ މަޤާމު ދަމަހައްޓަން ދަތިތަކެއް ކުރިމަތިވާނެއެވެ. އިސްތިޢުފާ ހުށަހަޅުއްވަމުން އިޝްތިއްޔާ ވިދާޅުވީ ޣައްޒާގެ ރައްޔިތުން ތަޙައްމުލު ކުރަމުންދާ ޙާލަތު ޕީއޭގެ ސަރުކާރުން ވަޒަން ކުރަން ޖެހޭ ކަމުގައެވެ. އަދި ފާއިތުވި ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާގެ ބޮޑު އިންސައްތައެއް ސުންނާފަތި ކޮށްލާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ އިޝްތިއްޔާގެ ބަދަލުގައި ބޮޑުވަޒީރު ކަމުގެ މަޤާމު މުޙައްމަދު މުޞްޠަފާއާ ހަވާލު ކުރައްވަން އައްބާސް ބޭނުންފުޅުވާ ކަމުގައެވެ. ވޯލްޑް ބޭންކުގައި މަސައްކަތްކުރައްވާ މުޞްޠަފާއަކީ ޕަލަސްޓީނިޔަން އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް)ގެ ރައީސެވެ. 2014 ވަނަ އަހަރު ޔަހޫދީ ފައުޖުން ހިންގި ޢުދުވާންތަކަށް ފަހު އެ ރަށް އާރާސްތު ކުރުމަށް ހިންގި މަޝްރޫޢުތަކުގައި މުޞްޠަފާ އިސް ދައުރެއް އަދާ ކުރައްވާފައިވެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,000އާ ގާތްވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 70,000އަށް އަރައެވެ.