ޚަބަރު

ކުރިއަށް އޮތް ހަފުތާގައި ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލާނެ ކަމުގެ އުންމީދު ބޮޑު


ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް އަންނަ ހަފުތާގެ ތެރޭގައި ހުއްޓައިލާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ޤަޠަރުގެ ދޯހާގައި ދެ ފަރާތުގެ ދެމެދުގައި ދަނީ މަޝްވަރާ ކުރަމުންނެވެ. ޤަޠަރާ ގުޅިގެން މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރުންނެވެ.

މަޝްވަރާތަކުގައި ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުން ބައްދަލުކޮށްފައި ނުވި ނަމަވެސް ދެ ފަރާތުގެ ވަފްދުތައް ތިބީ ދޯހާގައެވެ. އަދި ދެ ފަރާތުން ވެސް ވަނީ ޤަޠަރާއި މިޞްރުގެ މަންދޫބުންނާ ވަކިން ބައްދަލު ކުރަމުންނެވެ. މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައި. އެއްބަސްވުމެއް އެކުލަވައިލުން އޮތީ ވަރަށް ގާތްވެފައި. ނަމަވެސް, އަދިވެސް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑުގެ އުންމީދަކީ, އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެއްބަސްވުމެއް އެކުލަވައިލާ ސޮއި ކުރުން،" ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން ބުނީ އެ ޤައުމުން ބާރު އަޅަނީ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އެއްބަސްވުމެއް އެކުލަވައިލައި ޢުދުވާންތަކަށް ހުއްޓުމެއް ގެނެސް އަސީރުން މިނިވަން ކުރުމުގެ މަސައްކަތް ފެށުމަށް ކަމުގައެވެ. އެ ކަމާ މެދު އެއްބަސްވުމެއް އެކުލަވައިލުން ގާތްވެފައި އޮތް ނަމަވެސް ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުން ދަނީ ދެ ފަރާތުގެ ދެމެދުގައި ބަހުގެ ޙަމަލާތައް ބަދަލު ކުރަމުންނެވެ. އަދި ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާގެ މުސްލިމުންގެ ގެދޮރަށް ބޮން އަޅަމުންނެވެ.

ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދް އަލްޘާނީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަކަށް ފަހު ޙަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ވިދާޅުވީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވަން އެ ޖަމާޢަތުން އިސްވެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް އެ ކަމަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަމުގައެވެ. "މި މަޝްވަރާތަކަކީ ޢުދުވާން ހިންގުމަށް ޔަހޫދީން ދައްކާ ބަހަނާއަކަށް ހެދުމުގެ ފުރުޞަތު ދެވޭކަށް ނެތް،" ހަނިއްޔާ ވިދާޅުވިއެވެ.

އެމެރިކާއިން ވެސް ބައިވެރިވާ މަޝްވަރާތަކުގައި އެ ޤައުމުން ބާރު އަޅަނީ ޣައްޒާއިން ޙަމާސް ބޭރުކޮށް ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ޣައްޒާގެ ވެރިކަމާ ހަވާލުވުމަށެވެ. ޕީއޭގެ ރައީސް މަޙްބޫދު އައްބާސްގެ ސަރުކާރުން އެ ކަމާ ގުޅޭ މަޝްވަރާތައް ފެށުމުން ޕީއޭ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު އިޝްތިއްޔާ ވަނީ އިސްތިޢުފާ ހުށަހަޅުއްވާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,000އަށް އެރުމާ ގާތުގައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 70,000އަށް އަރައެވެ.