ޚަބަރު

ޑެންގީ ޢާންމުވެ ޕެރޫގައި ޞިއްޙީ ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފި


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ޕެރޫގައި ޑެންގީގެ ބަލިމަޑުކަމެއް ޢާންމުވެ, ޞިއްޙީ ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފިއެވެ. ޕެރޫގައި ޑެންގީ ފެތުރުން ޢާންމުވެފައި ވަނީ މޫސުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި އެހެން ސަރަޙައްދުތަކަށް ވަނީ ހޫނުގެ ތޫފާނަކާ ކުރިމަތިވެފައެވެ.

ޕެރޫގެ ޞިއްޙަތާ ބެހޭ ވަޒީރު ސެސަރް ވަސްކޭޒް ވިދާޅުވީ ޑެންގީ ބަލި ޖެހިގެން އެ ޤައުމުގައި މިހާތަނަށް 32 މީހުން މަރުވެފައިވާ ކަމުގައެވެ. އަދި އަހަރުގެ ފުރަތަމަ އަށް ހަފުތާގެ ތެރޭގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 31,300އަށް އުފުލިފައިވާ ކަމުގައެވެ. އަހަރުގެ ފުރަތަމަ ހަތް ހަފުތާގެ ތެރޭގައި ބަލި ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ 24,981 މީހުންނަށެވެ.

ޕެރޫގެ ސަރުކާރުން ވަނީ އެ ޤައުމުގެ 20 ސަރަޙައްދެއްގައި ޞިއްޙީ ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައެވެ. އަދި ޑެންގީ ފެތުރުން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ. ޞިއްޙީ ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ބޭނުމަކީ ޑެންގީ ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ވަޞީލަތްތައް ހޯދައި މަސައްކަތްތައް ހަރުދަނާ ކުރުން ކަމުގައި ވަސްކޭޒް ވިދާޅުވިއެވެ.

ޑެންގީއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. "ޑެންގީގެ ބަލިމަޑުކަމެއް ފެށިފައި މި ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަމަށް ބެލެވޭ. ވިއްސާރަވުމާ ގުޅިގެން މަދިރި އާލާވާ ތަންތައް ގިނަވެ, މަދިރީގެ ނުރައްކާ ވަނީ އިތުރުވެފައި،" ވަސްކޭޒް ވިދާޅުވިއެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި, މޭނުބައި ކުރުމާއި ހޮޑު ލެވުމާއި ހަށިގަނޑުގައި ރިހުމާއި ވަރުބަލިވުން ހިމެނެއެވެ. ޕެރޫގައި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެނީ އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކުގައެވެ. ހުސްވި އަހަރު ބަލީގައި ޕެރޫން މަރުވި މީހުންގެ ޢަދަދު 428އަށް އަރައެވެ. އަދި ބަލި ޖެހުުނު ކަމަށް ރެކޯޑު ކުރެވިފައިވާ މީހުންގެ ޢަދަދު 269,216އަށް އަރައެވެ.