ށ.މިލަންދޫގެ އެއަރޕޯޓް މަޝްރޫޢު ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ށ.މިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކެމްޕެއިންތެރޭގައިވެސް އަދި އެހެން ގޮތްގޮތުންވެސް ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދިއުމަށް ވަޢުދުވެވަޑައިގެންފައިވާ މަސައްކަތްތައް އެގޮތުގައި ކުރިއަށްގެންދަވާނެކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ ޚާއްސަ އިސްކަމެއްދޭ މަޝްރޫޢުގެ ގޮތުގައި ރަށުގެ ރައްޔިތުން އެދެމުންދާ އެއަރޕޯޓް މަޝްރޫޢު ޙަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އެއަރޕޯޓް މަޝްރޫޢަކީ ސަރުކާރުން މިލަންދުއަށް ވެވަޑައިގެންފައިވާ ރިޔާސީ އެންމެ ބޮޑު ވަޢުދެވެ.
ރައީސުލްޖުމްހޫރިއްޔާ މިލަންދުއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން އަދި ކައުންސިލުންވެސް ވަނީ މި ޕްރޮޖެކްޓް އަވަސްކޮށްދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ރަށުން ރައީސަށް މަރުހަބާދެންނެވުމަށް ހަދާފައިވާ ގިޑިގެއާއި ބަނދަރުގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކުންވެސް ފެނިގެން ދިޔައީ މި މަޝްރޫޢަށް ރައްޔިތުން ކުރަމުންދާ އުއްމީދެވެ.
ރައީސް ވިދާޅުވީ ވަޢުދުވެވަޑައިގެންނެވި ގޮތަށް އެ ރަށުގެ އެއަރޕޯޓް މަޝްރޫޢު ހަޤީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ.
"ރައްޔިތުން އެދެމުންދާގޮތަށް 1-10އަށްވެސް މިރަށުގެ ލިސްޓްގައި އޮތީ އެއް ވާހަކައެއް. ރައްޔިތުން އެދެމުންދާގޮތަށް އެއަރޕޯޓް މަޝްރޫޢު ޙަގީޤަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ދެން. %100 ޔަގީންކަން ދެން." ރައީސް ވިދާޅުވިއެވެ.
އެއަރޕޯޓް މަޝްރޫޢާއެކު ރަށުގައި އިޤްތިޞާދީ ފުރުޞަތުތައްވެސް އިތުރަށް ފުޅާކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރަށުގައި ދެން ރައްޔިތުން ބޭނުންވާ މަސައްކަތްތައްވެސް ކޮށްދެއްވާނެކަމަށެވެ. އެގޮތުން މިލަންދޫގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމާއި ރަށުގެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި މަގުތައް ހެދުމާއި ކުޅިވަރު ފެސިލިޓީ ތަރައްޤީކުރުމުގެ އިތުރުން ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށްވެސް މަޝްރޫޢެއް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.