ޚަބަރު

ލުބްނާނަށް ބޮން އެޅުމުން ޔަހޫދީންގެ ރަށްތަކަށް ޙިޒްބުﷲގެ ވަރުގަދަ ޙަމަލާތަކެއް


ޔަހޫދީ އިސްތިޢުމާރީ ފައުޖާއި ލުބުނާނުގައި ޙަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ.

ޔަހޫދީ ފައުޖުގެ ސިފައިން ލުބްނާނަށް ދިން ވައިގެ ޙަމަލާތަކެއްގައި ޙިޒްބުاللهގެ ދެ މުޖާހިދުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާނުގެ ބިޤާޢު ވާދީއަށެވެ. ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ޙަމަލާތައް ބަދަލު ކުރަން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމުންނެވެ.

ޙިޒްބުاللهން ބުނީ ޔަހޫދީންގެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ ދެ މުޖާހިދުން ޝަހީދު ކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ރޮކެޓް ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. ޙިޒްބުاللهގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީން އަތްގަދަ ކޮށްފައިވާ ޖޫލާންގެ އުސް ބިންތަކުގައި ހުންނަ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށެވެ. އެ ތަނުގައި ތިބި ޔަހޫދީ ސިފައިންނަށް ޙަމަލާ ދިނުމަށް 60 ރޮކެޓް ބޭނުން ކޮށްފައިވާ ކަމުގައި ޙިޒްބުاللهން ބުނެއެވެ.

ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު މިހާރު ބަދަލު ކުރަމުންދާ ޙަމަލާތަކަކީ ދެ ފަރާތުގެ ދެމެދުގައި 2006 ވަނަ އަހަރު ކުރި ހަނގުރާމައަށް ފަހު ބަދަލު ކުރާ އެންމެ ނުރައްކާތެރި ޙަމަލާތަކެވެ. އެއީ ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުމެކެވެ. އަދި, އެ ކަން ސަރަޙައްދީ ހަމަނުޖެހުމަކަށް ބަދަލުވުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.

ޔަހޫދީ ފައުޖުން ބިޤާޢު ވާދީއަށް ޙަމަލާ ދިނުމުގެ ކުރިން ޙިޒްބުاللهން ވަނީ ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނަކަށް ޙަމަލާދީ އެ އުޅަނދު ވައްޓައިލާފައެވެ. ޙިޒްބުاللهން ބުނީ ޔަހޫދީންގެ ޑްރޯން ވައްޓައިލާފައި ވަނީ ވައިގެ އަމާޒުތަކަށް ޙަމަލާދޭން ބޭނުން ކުރާ ޑްރޯނެއްގެ ބޭނުން ކޮށްގެން ކަމުގައެވެ.

ލުބްނާނުގެ ދެކުނުގައި އޮންނަ މުޖާދިލަށް ވެސް ޔަހޫދީ ފައުޖުން ވަނީ ވައިގެ ޙަމަލާތަކެއްދީ ޙިޒްބުاللهގެ މުޖާހިދެއް ޝަހީދު ކޮށްލާފައެވެ. ދަތުރު ކުރަމުން ދިޔަ ކާރަކަށް އަމާޒުކޮށް ދީފައިވާ އެ ޙަމަލާގައި ޝަހީދު ކޮށްލާފައި ވަނީ ޙިޒްބުاللهގެ ފީލްޑް ކޮމާންޑަރެކެވެ. ޔަހޫދީ ފައުޖުން ބުނީ, ޝަހީދު ކޮށްލާފައިވާ މީހަކީ ޙަސަން ޙުސައިން ސަލާމީ ކަމުގައެވެ. ނަމަވެސް, ޙިޒްބުاللهން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެ ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ޙަސަން ފަޟްލިالله ވިދާޅުވީ ލުބުނާނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދޭ ޙަަމަލާތަކުގެ ޢަދަދު އިތުރު ކޮށްފައިވާ ކަމުގައެވެ. އަދި, އެ ޖަމާޢަތުން އެ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެ, އޭނާ ވަނީ ޔަހޫދީންނަށް އިންޒާރު ދެއްވާފައެވެ.

ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން, ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. ދެ ފަރާތުގެ މެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކުގައި ލުބްނާނުން 250އެއްހާ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ޢާންމުންގެ 50 ވަރަކަށް މީހުން ހިމެނެއެވެ. އަދި, ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ 12 ވަރަކަށް ސިފައިންނާއި ޢާންމުންގެ ފަސް މީހުން މަރައިލާފައެވެ.