ޚަބަރު

ޣައްޒާ ޢުދުވާން މެދުކަނޑައިލުމުން ޙޫޘީންގެ ޙަމަލާތައް ވެސް ހުއްޓައިލާނެ ކަމުގެ އިޝާރާތެއް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް މެދުކަނޑައިލަން ޔަހޫދީން އެއްބަސްވެއްޖެ ނަމަ, ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލުމާ މެެދު ވިސްނާނެ ކަމުގައި ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ބުނެފިއެވެ.

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޢުދުވާން ހިންގަން ފެށުމާ ގުޅިގެންނެވެ. އެއީ ޔަހޫދީންގެ ޢުދުވާން ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ޙޫޘީން ދެމުންދާ ޙަމަލާތަކެކެވެ.

ޙޫޘީންގެ ތަރުޖަމާނު މުޙައްމަދު ޢައްދުއްސަލާމް ވިދާޅުވީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާ, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުކަނޑައިލައިފި ނަމަ, ރަތް ކަނޑުގައި ދަތުރު ކުރާ އުޅަނދުފަހަރާ ދެކޮޅަށް ހިންގަމުންދާ ޙަރަކާތްތައް ހުއްޓައިލުމާ މެދު އެ ޖަމާޢަތުން ގޮތެއް ނިންމާނެ ކަމުގައެވެ.

"ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ފަށާފައިވާ ޙަރަކާތްތައް ހުއްޓައިލެވޭނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމުން،" ޣަބްދުއްސަލާމް ވިދާޅުވިއެވެ. ޙޫޘީންގެ އަސްކަރީ ޙަރަކާތާ ގުޅިގެން ރަތް ކަނޑުގެ އިތުރުން ބާބް އަލް-މަންދަބީ ކަނޑުގެ ދަތުރުފަތުރަށް އޮތީ ހުރަސް އެޅިފައެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން ހުރި އާގުބޯޓުފަހަރަށެވެ. އޭގެ ތެރޭގައި ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ ބޯޓުފަހަރާއި ޔަހޫދީންނާ ގުޅުން ހުރި ކުންްފުނިތަކުން ހިންގާ ބޯޓުފަހަރު ހިމެނެއެވެ. ރަތް ކަނޑާއި ބާބް އަލްމަންދަބީގެ އިތުރުން ޢަދަން ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފެށުމާ ގުޅިގެން ޔަހޫދީންގެ ދިފާޢުގައި އެމެރިކާއިން ވަނީ ތެދުވެފައެވެ.

އަދި ޙޫޘީންގެ ޙަމަލާތައް ނިމުމެއް ގެނައުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފައެވެ. ނަމަވެސް ޙޫޘީންގެ ޙަމަލާތައް ހުއްޓުވިފައެއް ނުވެއެވެ. ޔަމަނަށް ބޮން އަޅަން ފެށުމުން ޙޫޘީން ވަނީ ރަތް ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި އެ ޤައުމުތަކަށް ނިސްބަތްވާ އާގުބޯޓުފަހަރަށް ވެސް ޙަމަލާ ދޭން ފަށާފައެވެ.

އަސްކަރީ ޑްރޯނާއި މިސައިލް ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތަކުގެ އިތުރުން ޙޫޘީން ވަނީ އެ ސަރަޙައްދުން ދަތުރު ކުރި ގެލެކްސީ ލީޑަރގެ ނަން ދީފައިވާ އާގުބޯޓަކަށް އަރައި އެ އުޅަނދު ހިޞާރުކޮށް އޭގެ ފަޅުވެރިން ރަހީނު ކޮށްފައެވެ. އެ މީހުން މިނިވަން ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ މީހުން މިނިވަން ކުރަން ޙޫޘީން އެއްބަސްވެފައެއް ނުވެއެވެ.