ޚަބަރު

ޣައްޒާ ހަނގުރާމައާއެކު މުސްލިމުންނާ މެދު ނަފުރަތު އުފެއްދުން އިންޑިޔާގައި އިތުރުވަނީ


ހުސްވި 2023 ވަނަ އަހަރުގެ ފަހު ހަ މަސްދުވަހުގެ ތެރޭގައި އިންޑިޔާގައި މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމުގެ ޢަމަލުތައް 62 އިންސައްތަ އިތުރުވެފައިވާ ކަން ދިރާސާއަކުން ހާމަވެއްޖެއެވެ. އެމެރިކާގައި ގާއިމު ކޮށްފައިވާ އިންޑިޔާ ހޭޓް ލެބް ޖަމުޢިއްޔާއިން ހަދާފައިވާ ދިރާސާއިން ހާމަވާ ގޮތުގައި މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމުގެ ޢަމަލުތަކާއި މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެދޭ ވާހަކަތައް ފެތުރުމުގެ ހާދިސާތައް އިތުރުވެފައި ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ހިންގަން ފެށުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

2023 ވަނަ އަހަރު އިންޑިޔާގައި މުސްލިމުންނާ ދެކޮޅު އަދި މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ވާހަކަތައް ރައްދު ކުރުމުގެ 668 ޙާދިޘާއެއް ރެކޯޑު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 413 ޢަމަލު ހިންގާފައި ވަނީ އެ އަހަރުގެ ފަހު ހަ މަސްދުވަހުގެ ތެރޭގައި ކަމަށް އިންޑިޔާ ހޭޓް ލެބުން ބުންޏެވެ. އޭގެ ތެރެއިން 75 އިންސައްތަ, ނުވަތަ 498 ޙާދިޘާ, ހިންގާފައި ވަނީ އިންޑިޔާގެ ވެރިކަން ކުރާ ބާރްތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)ން ވެރިކަން ކުރާ ސްޓޭޓްތަކުގައެވެ. މީގެ ތެރެއިން އެންމެ ގިނަ ޙާދިޘާ ހިންގާފައި ވަނީ މަހަރާޝްޓްރާ, އުއްތަރް ޕްރަދޭޝް އަދި މަދްޔަ ޕްރަދޭޝްގައި ކަމަށް އިންޑިޔާ ހޭޓް ލެބްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާން ހިންގަން ފެށި ފަހުން އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެދޭ ވާހަކަތައް ފެތުރުމުގެ 41 ހާދިސާ ހިނގާފައިވާ ކަމަށާއި, 2023 ވަނަ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި އެ ފަދަ ހާދިސާތައް 20 އިންސައްތަ އިތުރުވެފައިވާ ކަމުގައި ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އދން ދެކޭ ގޮތުގައި ނަފުރަތު އުފެއްދުމަކީ ވަކި ދީނެއް, ނަޞްލެއް, ޤައުމެއް ނުވަތަ ޖިންސަކަށް ނިސްބަތްވާ މީހަކަށް ނުވަތަ ބަޔަކު ދަށްކޮށް, ދެރަކޮށްލުމުގެ ގޮތުން ނަފުރަތު އުފެދޭ ވާހަކަތައް ދައްކައި, ފެތުރުމެވެ. އިންޑިޔާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އެ ފަދަ ޢަމަލުތައް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވެރިކަމުގައި އިތުރުވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވީ 2014 ވަނަ އަހަރުއެވެ. އަދި މި އަހަރު ބާއްވާ ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި, ވެރިކަން ދަމަހައްޓަވަން އޭނާ ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

އިންޑިޔާގެ މުސްލިމުންނަށް ނިޞްބަތްވާ ޢިމާރާތްތަކާއި ބިނާތައް ތަޅައިލުން ފަދަ ޙާދިޘާތައް މޯދީގެ ވެރިކަމުގެ ތެރޭގައި ހިންގާފައިވެއެވެ. އަދި, ކަރްނާޓަކާ ސްޓޭޓްގައި ބީޖޭޕީން ވެރިކަން ހިންގި ދުވަސްވަރު, ހިޖާބު އަޅައިގެން އެ ސްޓޭޓްގެ މަދަރުސާތަކަށް ވަނުން އޮތީ މަނާ ކޮށްފައެވެ. މީގެ އިތުރުން, މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރާ މެދު ޢަމަލު ކުރަމުން ދިޔަ ގޮތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ނަމަވެސް, މުސްލިމުން ދަށްކޮށްލުމުގެ ޤަމަލުތައް ހިންގަމުންދާ ކަމަށް ކުރާ ތުހުމަތުތައް މޯދީގެ ސަރުކާރުން ދޮގު ކުރެއެވެ. އަދި, ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބައްޓަން ކޮށްފައި ވަނީ, އިންޑިޔާގެ އެންމެހައި ރައްޔިތުންގެ ލާބައާއި, މަންފާއަށްޓަކައި ކަމުގައި ވެސް މޯދީގެ ސަރުކާރުން ބުނެއެވެ.