މަސްވެރިކަން ތިޔާގި މޫސުމާއި ދިމާކޮށް ރާއްޖެއިން ބޭރުގެ ބޮޑު މަސް ބޯޓެއް ގެނައުމަށް މިފްކޯއިން ނިންމައިފިއެވެ. މިފްކޯއިން ބުނީ މި މަހު މިބޯޓު ރާއްޖެއަށް އަންނާނެކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ތިޔާގިވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން ރާއްޖެއިން ބޭރުގެ މަސްކިރާ ބޯޓެއް މި މަހު ރާއްޖެއަށް ގެންނައުމުގެ މަސައްކަތް މިފްކޯއިންދަނީ ކުރަމުންނެވެ.
މިގޮތުން 3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޮޑު ބޯޓެއް މިހާރު ރާއްޖެއަށް އައުމުގެ ދަތުރު ފަށާފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި މިއީ މަސްވެރިކަމުގެ ސީޒަންކަމުން އިތުރު ބޯޓެއް ގެނައުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. ރާއްޖޭގެ މަސްވެރިން މިދުވަސްވަރު ބާނާ މަސް ކެޕޭސިޓީ ނެތުމުން ނުކިރިގެން އުކާލަން ދިމާވާ މައްސަލަ މިއާއެކު ޙައްލުވާނެކަމަށް މިފްކޯއިން ބުނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ޖެނެރަލް މެނޭޖަރ މުޢާޒް ޢަލީ ވިދާޅުވީ، ބޭރުގެ މާކެޓްތަކަށް ދިވެހި މަސް ވިއްކުމަށް މަސައްކަތްކުރަމުންދާއިރު ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި މަސް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. މިއާއެކު ބޭރަށް ފޮނުވާ މަސް ރިޖެކްޓްވުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް މުޢާޒް ވިދާޅުވިއެވެ.
"މިއާއެކު ކުންފުންޏަށް ކްލެއިމް އެބަކުރެވޭ އިންޝުއަރެންސް. އެހެންކަމުން ރިޖެކްޓްވެގެން މިފްކޯއަށްވާ ގެއްލުން ހުއްޓުވޭނެ." މުޢާޒް ވިދާޅުވިއެވެ.
މި މަހު އަންނަ މަސްކިރާ ބޮޑު ބޯޓު ބަނދަރުކުރާނީ ކޫއްޑޫގައެވެ. އަދި މި ބޯޓަށް މަސްކިރަނީ ޔޫރަޕްގެ މާކެޓަކަށް ގެންދިޔުމަށްކަމާއި މަސްގަންނަ ކުންފުނިތަކުން މަސް ޓެސްޓުކުރާނީ ކޫއްޑޫ ބަނދަރުގައިކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރަނގަޅު މާކެޓުތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. ނުއަގުގައި ރާއްޖޭގެ މަސް ބޭރުގެ މާކެޓުތަކުގައި ވިއްކާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ.
މިކަމަށް ޙައްލު ގެނެސް ރާއްޖޭގައި ބާނާ މަހުގެ ކޮލިޓީ ހިފަހައްޓާ ބޭރުގެ އަގު ބޮޑެތި މާކެޓުތަކަށް ވިއްކުމަށްޓަކައި ސަރުކާރުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިފަދަ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ބޭރަށް ފޮނުވުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ބުނެއެވެ.
މުޢާޒް ވިދާޅުވީ ރާއްޖޭގައި ބާނާ މަހަކީ ޙަޤީގަތުގައި މުޅި ދުނިޔޭގައި އެއްވަނަ ކަމަށެވެ. މަހުގެ ކޮލިޓީއާއި މަސް ބާނާ ގޮތަށް ބަލާއިރުވެސް ދެމެހެއްޓެނިވި ގޮތުގައި މަސް ބާނާކަން މުޢާޒް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކޮލިޓީ ހިފެހެއްޓުމުގައި ދިމާވާ މައްސަލަ ޙައްލުކޮށް އަގު ބޮޑުކޮށް ވިއްކޭނެ ފަދަ ބާޒާރުތަކަށް މަސްބޭރުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް މުޢާޒް ވިދާޅުވިއެވެ. މިގޮތުން މި މަހުގެ ތެރޭގައި ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓް ކުރެވޭނެކަމަށް މިފްކޯއިން ބުނެއެވެ.
"ރާއްޖޭގެ މަހަކީ އަގު ބޮޑު މަހެއް. އެހެންކަމުން އަގު ބޮޑުކޮށް ވިއްކޭނެ މާކެޓްތަކަށް ދާންޖެހޭ. މިކަމަށްވަމުންދާ ތައްޔާރީގެ ތެރެއިން މިހާރު ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓްކުރުމާއި ހަމައަށްވަނީ ގޮސްފައި." މުޢާޒް ވިދާޅުވިއެވެ. ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓްކުރަނީ ޔޫރަޕްގެ ސީދާ ކޮން މާކެޓަކަށްކަން އަދި މިފްކޯއިން ހާމައެއް ނުކުރެއެވެ.
މިފްކޯއަކީ ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިއްމު ވަޢުދެކެވެ. އެކަންކުރުމަށް ފުރަތަމަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާވަނީ މިފްކޯ އެސްޓީއޯގެ ދަށުން އޮތް އޮތުން ނިމުމަކަށް ގެންނަވާ، އެއީ އަމިއްލަ ގެއްލުމަށް ޒިންމާވާ މިނިވަން ޝަޙުސެއް އޮތް ކުންފުންޏަކަށް ބަދަލުކުރައްވާފައެވެ. މިއާއެކު ކުންފުނީގެ ހިންގުމަށްވަނީ ގިނަ ބަދަލުތަކެއް ގެންނަވާފައެވެ.