ޚަބަރު

ބަންގްލަދޭޝްގައި ޢިމާރާތެއްގެ ރޯވެ 46 މީހުން މަރުވެއްޖެ


ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ގިނަ ޢަދަދެއްގެ ރެސްޓޯރެންޓުތަކެއް ހުންނަ ޢިމާރާތެއްގައި ރޯވެ, 46 މީހުން މަރުވެއްޖެއެވެ. ހަ ފަންގިފިލައަށް ބިނާ ކޮށްފައިވާ ޢިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ފިހުނެވެ. ބަންގްލަދޭޝްގެ އަލިފާން ނިއްވާ އިދާރާއިން ބުނީ, ފުރަތަމަ އަލިފާން ރޯވެފައި ވަނީ ބިރިޔާނީ ވިއްކާ ރެސްޓޯރެންޓެއްގައި ކަމަށާއި, އެއަށް ފަހު މުޅި ޢިމާރާތަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމުގައެވެ.

އަލިފާންގަނޑު ނިއްވައިލެވުނީ ދެ ގަޑިއިރުގެ މަސައްކަތުންނެވެ. މި ހާދިސާގައި ފިހުނު 22 މީހަކު ހަސްފަތާލުގައި އެޑްމިޓު. ކޮށްގެން ފަރުވާދެމުންދާ ކަމުގައި ޞިއްޙީ ވަޒީރު ޝަމުންތޮ ލާލް ޝެން ވިދާާޅުވިއެވެ. "އެ 22 މީހުންގެ ހާލު ސީރިޔަސް. އެ މީހުންގެ ފުރާނަ ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ދަނީ ކުރަމުން،" ލާލް ޝެން ވިދާޅުވިއެވެ.

ބޮޑުވަޒީރު ޝައިޚް ޙަސީނާ ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުމާއި ހިތާމަ ފާޅު ކުރައްވާފައެވެ. އަދި, މި ހާދިސާގައި ފިހިގެން ޒަަޚަމުވެފައިވާ މީހުން ފަރުވާ ދިނުމުގެ ކަންކަން އަވަސް ކުރުމަށް ގޮވައިލައްވާފައެވެ. މި ހާދިސާ ތަހުޤީޤު ކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ފަސް މެންބަރުންގެ ޕެނަލެއް އެކުލަވައިލާފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޒުވާން އުމުރުފުރައިގެ ގިނަ ޢަދަދެއްގެ ކުދިން ހިމެނެއެވެ. މަރުވި މީހުންގެ ތެރޭގައި ބައެއް ޢާއިލާތަކުގެ ގިނަ ޢަދަދެއްގެ މެންބަރުން ހިމެނެއެވެ.

ޢިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ތަނުގައި ހުރި ރެސްޓޯރެންޓްތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތެއްގައެވެ. އަލިފާނުން ސަލާމަތްވި ބައެއް މީހުން ބުނީ, އެ މީހުން ސަލާމަތްވެފައި ވަނީ ކުޑަދޮރުން ބޭރަށް ފުންމައިލުމުގެ ސަބަބުން ކަމުގައެވެ. އަދި, އަލިފާން ނިއްވާ ޓީމުތަކުން ވަނީ ހަރުގަނޑުތަކެއް ބޭނުން ކޮށްގެން, ޢިމާރާތުގެ ތެރޭގައި ތާށިވެފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ސަލާމަތް ކޮށްފައެވެ.

ޑޮކްޓަރުން ބުނީ, އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ދުމުގެ ސަބަބުން ކަމުގައެވެ. އަދި, ޢިމާރާތުގެ ކުޑަދޮރުތަކުން ބޭރަށް ފުންމަތިލި ބައެއް މީހުން މަރުވެފައިވާ ކަމުގައި ވެސް ޑޮކްޓަރުން ބުނެއެވެ. ބަންގްލަދޭޝްގެ އަލިފާން ނިއްވާ އިދާރާއިން ބުނީ, ޢިމާރާތުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ. އަދި, މިއީ ގޭސް ލީކުވެގެން ނުވަތަ އުނދުނެއްގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމުގައި ބްރިގޭޑިޔަރ ޖެނެރަލް މައީނުއްދީން ވިދާޅުވިއެވެ.

"އެއީ ވަރަށް ނުރައްކާތެރި ކޮށް ކަންކަން އިންތިޒާމު ކޮށްފައިވާ ޢިމާރާތެއް. ގޭސް ސިލިންޑަރުތައް ކޮންމެ ފަންގިފިލައެއްގައި އަދި ސިޑިގޮޅީގައި ވެސް ހުރި،" އޭނާ ވިދާޅުވިއެވެ. އަދި, އެ ޢިމާރާތުގައި ވައި ދައުރުވާނެ ގޮތެއް ނެތް ކަމަށާއި, ކުއްލި ހާލަތްތަކުގައި ބޭރަށް ނިކުތުމަށް ބޭނުން ކުރާނެ 'އިމަރޖެންސީ އެގްޒިޓް' ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވާ ޢިމާރާތުގައި ހުރީ އެންމެ ސިޑިއެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީން ވަނީ ސަރުކާރަށް ފާޑު ކިޔުން އަމާޒު ކޮށްފައެވެ. "މި ފަދަ ހިމާތަވެރި ހާދިސާތަކާއި ކާރިސާތަކުގައި މީހުންގެ ފުރާނަ ގެއްލެނީ ސަރުކާރުގެ ނާގާބިލު ކަމުން. ސަރުކާރުން ޢާންމު ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ. ނަމަވެސް, އެ ކަމެއް ނުވޭ. އެއްވެސް ހަމައެއްލަމައެއް ނެތް ސަރުކާރެއް މިއީ،" ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ސެކްރެޓަރީ-ޖެނެރަލް މިރްޖާ ފަޚްރުލް އިސްލާމް އަލޮމްގީރް ވިދާޅުވިއެވެ.

2012 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާއި, އެއާ ޖެހިގެން އައި އަހަރު ހިނގި ޢިމާރާތެއް ވެއްޓުނު ހާދިސާއަކާ ގުޅިގެން, އެ ޤައުމުގައި މި ފަދަ ހާދިސާތަކާ ގުޅޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ. އެ ދެ ހާދިސާގައި 1,200 އެއްހާ މީހުން މަރުވިއެވެ. ބަންގްލަދޭޝަކީ, އަންނައުނުގެ ވިޔަފާރި ކުރާ ނަން ހިނގާ ގިނަ ޢަދަދެއްގެ ކުންފުންޏެއްގެ ކާރުޚާނާތައް ހިންގާ ޤައުމެކެވެ.

ނަމަވެސް, ކޭންބުއިމާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭ ޢިމާރާތްތަކާއި ކާރުޚާނާތަކުގައި ސަލާމަތާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ދޯދިޔާ ކަން, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. 2021 ވަނަ އަހަރުގެ ޖުލައި މަހު ކާބޯތަކެތި ތައްޔާރު ކުރާ ކާރުޚާނާއެއްގައި އަލިފާން ރޯވެ 54 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އަދި, 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި 70 މީހުން މަރުވިއެވެ.