އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ އަންހެނުންނާއި ކުޑަކުދިންގެ ޢަދަދު 25,000 އަށް އަރާ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ. އޭނާ ވަނީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގެ ޙަޤީޤީ މަޤްޞަދާ މެދު ސުވާލު އުފައްދަވާފައެވެ.
އޮސްޓިން އެ ޢަދަދު ހާމަ ކުރައްވާފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިިިސް, ކޮންގްރެސްގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެއީ, ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމު ރައްޔިތުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިންގެ ޢަދަދު އެމެރިކާ ސަރުކާރުގެ އެހާ އިސް މަޤާމެއް އަދާ ކުރައްވާ ބޭފުޅަކު ގަބޫލުކޮށް, އެ ކަން ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.
ކޮންގްރެސްގައި ބޭއްވި އަޑުއެހުމެއްގައި ކޮންގްރެސްގެ މެންބަރެއް ކަމުގައިވާ ރޫ ކަންނާ ވަނީ, ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ އަންހެނުންނާއި ކުޑަކުދިންގެ ޢަދަދާ ގުޅޭ ގޮތުން އޮސްޓިނާ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އޮސްޓިން ވިދާޅުވީ, "އެ ޢަދަދު 25,000 އަށްވުރެ މައްޗަށް އަރާ" ކަމުގައެވެ.
ޢުދުވާނުގައި ފަލަސްޠީނުގެ ޢާންމުންގެ ގެދޮރާއި ހަސްފަތާލުތަކާއި މަދަރުސާތަކަށް ބޮން އަޅައި, އަންހެނުންނާއި މައުސޫމު ކުޑަކުދިން ޝަހީދު ކުރަމުން ދާތީ ޔަހޫދީންނަށް ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ނަމަވެސް, ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫގެ ސަރުކާރުން ދަނީ ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢަމަލުތައް ދިފާޢު ކުރަމުންނެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ މައްސަލަ އދގެ އެންމެ މަތީ ކޯޓު ކަމުގައިވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭން) މިހާރު ދަނީ ބަލަމުންނެވެ.
ލާއިންސާނީ ޢުދުވާންތަކެއް ހިންގަމުންދާ ޔަހޫދީ ފައުޖަށް ހަތިޔާރު ފޯރުކޮށްދިނުމަކީީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް ކަމުގައި އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކް ވިދާޅުވެފައިވާ ކަން ފާހަގަ ކުރައްވައި ކަންނާ ވަނީ އެމެރިކާއިން ޔަހޫދީންނަށް ކިހާ ޢަދަދެއްގެ ހަތިޔާރު ފޯރުކޮށްދީފައިވޭތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް, އޮސްޓިން އެ ސުވާލަށް ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އޮސްޓިނަށް އެ ޢަދަދު ސާފުކޮށްދެއްވަމުން ކަންނާ ވިދާޅުވީ "21,000 'ޕްރިސިޝަން-ގައިޑެޑް މިޔުނިޝަންސް' [ވަކި އަމާޒަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރާ ހަތިޔާރު] ފޮނުވާފައިވާ" ކަމުގައެވެ.
ޣައްޒާގެ އެންމެ ދެކުނަށް އޮންނަ ރަފަޙަށް އަރައި ޢުދުވާންތައް ފުޅާ ކުރުމަށް ޔަހޫދީން ގެންގުޅޭ ރޭވުމާ ގުޅޭ ގޮތުން ވެސް ކަންނާ ވަނީ އޮސްޓިންނާ ސުވާލު ކުރައްވާފައެވެ. އަދި, ޔަހޫދީ ފައުޖުން ރަފަޙަށް އަރައިފި ނަމަ, އެމެރިކާއިން ޔަހޫދީންނަށް އަސްކަރީ އެހީ ފޯރުކޮށްދިނުން ހުއްޓައިލާނެތޯ ސުވާލު ކުރެއްވުމުން އޮސްޓިން ވިދާޅުވީ, ރަފަޙުގައި ތިބި 1.5 މިލިޔަން މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ރޭވުމެއް އެކުލަވައިލަން ޖެހޭ ކަމުގައެވެ.
އަދި, ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމާ ގުޅޭ ގޮތުން ނިންމެވުމެއް ނިންމަން ވާނީ ރައީސް ޖޯ ބައިޑަން ކަމުގައި ވެސް އޮސްޓިން ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި, އަޅުގަނޑުމެންގެ [އެމެރިކާގެ] އެކުވެރި ޤައުމުތަކަށް ފޯރުކޮށްދޭ ހަތިޔާރު އެ ޤައުމުތަކުން ބޭނުން ކުރަން ވާނީ ހަރުދަނާ ރޭވުމެއްގެ ދަށުން،" އޮސްޓިން ވިދާޅުވިއެވެ.
ޣައްޒާގައި ޝަހީދު ކޮށްލާފައިވާ އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ ޢަދަދު 25,000 އަށް އުފުލިފައިވާ ކަމުގައި އޮސްޓިން ކޮންގްރެސްގައި ވިދާޅުވި ނަމަވެސް, އެމެރިކާގެ ދިފާޢީ ޢިދާރާ, ޕެންޓެގަނުން ވަނީ އެއީ ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަ ކޮށްފައިވާ ޢަދަދެއް ކަމުގައި ބުނެފައެވެ. އަދި, އެމެރިކާގެ ޖާސޫސީ ޢިދާރާއަށް އެ ޢަދަދު ކަށަވަރު ކުރެވިފައި ނުވާ ކަމުގައި ޕެންޓެގަންގެ ތަރުޖަމާނު ސެބްރީނާ ސިންގް ވިދާޅުވިއެވެ.
އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 30,320އަށް އަރައެވެ. އޮސްޓިން ވިދާޅުވެފައި ވަނީ އޭގެ ތެރެއިން 25,000 އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައެވެ. ޔަހޫދީންގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 71,533އަށް އުފުލިފައެވެ.