ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި ކާބޯތަކެއްޗާއި އިންސާނީ އެހީގެ ތަކެތި ހޯދުމަށް ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެފައިވާ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ބޮން އަޅައި, ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލަން ދިން ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ޔަހޫދީންނަށް ބާރުއަޅަން ފަށައިފިއެވެ.
ޣައްޒާ ސިޓީއަށް އިންސާނީ އެހީގެ ސާމާނާ އެކު ދަތުރުކުރި އުޅަނދެއް މަޑު ކުރަން ހަމަޖެހިފައި އޮތް ސަރަޙައްދަކަށް ޔަހޫދީ ފައުޖުުން ދިން ރަޙުމު ކުޑަ ޙަމަލާގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ. އަދި, 280 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. އެ ޙަމަލާގެ ފުރިހަމަ ތަހުޤީޤެއް ހިންގަން އދގެ އިތުރުން ގިނަ ޤައުމުތަކަކުން ދަނީ އެ ގޮވައިލުން ތަކުރާރުކޮށް, އެ ކަމަށް ބާރު އަޅަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެއެވެ.
ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަމުގައި އދއާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ޔަހޫދީން އެ ތުހުމަތުތައް ދޮގު ކުރި ނަމަވެސް, ޣައްޒާ ސިޓީއަށް ދީފައިވާ ޙަމަލާއިން އެއީ ތެދެއް ކަން ހާމަވެގެންދެެއެެވެ. އަދި, ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު ވައްދަން ހުރި ގޮންޖެހުންތައް ހާމަވެގެންދެއެވެ.
"އަޅުގަނޑުމެން ވާނީ އެ ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް [ޔަހޫދީންގެ ކިބައިން] އެދިފައި. އެ ގޮވައިލުމަށް [ޔަހޫދީ] ސަރުކާރުން އެއްބާރުލުން ދެމުންދާ ކަން ފާހަގަ ކުރެވޭ. އެ މީހުން ވަނީ ތަޙުޤީޤު ފަށައި, މި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ފަށާފައި،" އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވިއެވެ.
ޣައްޒާ ސިޓީއަށް ޙަމަލާދީ ޢާންމުންގެ 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިި ހާދިސާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު, އޭގެ ތެރޭގައި އިންޑިޔާއާއި, ބްރެޒިލާއި, ދެކުނު އެފްރިކާއާއި, އިނގިރޭސިވިލާތާއި, ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ވެސް ހިމެނެއެވެ. އިންޑިޔާއިން ބުނީ އެ ޙަމަލާއާ މެދު ކަންބޮޑުވާ ކަމުގައެވެ. ބްރެޒިލުން ބުނީ އެއީ އިންސާނިއްޔަތު ކަމެއް ނެތް ޙަމަލާއެއް ކަމުގައެވެ. އަދި, އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން ވެސް ވަނީ އެ ޙަމަލާގެ މިނިވަން ތަޙުޤީޤެއް ހިންގަން ގޮވައިލާފައެވެ.
ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ފަސްވަނަ މަހަކަށް ދެމިގެން ގޮސްފައިވާ ދަނޑިވަޅެއްގައި އދން ބުނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންގެ ޙާލަތު ގޯސްވަމުންދާ ކަމުގައެވެ. އެ މީހުން ނިކަމެތިވެ, ބިކަވެފައިވާ ކަމުގައެވެ. އަދި, ފައިދާހުރި ކާނާއާއި ސާފު ބޯފެން ނުލިބުމާއި ހައިހޫނު ކަމުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވަމުންދާ [ޝަހީދުވަމުންދާ] ކަމުގައެވެ.
އދގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން ބުނީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ. މީގެ ތެރޭގައި, ޣައްޒާގެ ސަރަޙައްދީ ރޮނގު ބަންދު ކުރުމާއި އެ ސަހަރުގައި ދަތުރު ކުރުމަށް ހުރަސް އެޅުމާއި މުވާސަލާތު ކުރެވޭނެ މަގުތައް ބަންދު ކުރުމާއި މަގުތަކަށް ބޮން އަޅައި ސުންނާފަތި ކޮށްލާފައިވުން ހިމެނޭ ކަމުގައި އެ އިދާރާއިން ބުނެއެވެ.
އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 30,320އަށް އަރައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައި އެމެރިކާއިން ބުނެއެވެ. ޔަހޫދީންގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 71,533އަށް އުފުލިފައެވެ.