ޚަބަރު

ޣައްޒާގެ ޢުދުވާން ވަގުތުން ހުއްޓައިލަން ކަމަލާ ހެރިސް ގޮވައިލައްވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލާ, އެ ސަހަރުގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ނައިބު ރަައީސް ކަމަލާ ހެރިސް ގޮވައިލައްވައިފިއެވެ. އެއީ, ފަހުގެ ތާރީޚެއްގައި އެމެރިކާ ސަރުކާރުގެ އިސްވެރިއެއް ޣައްޒާގެ ޢުދުވާނަށް ނިމުމެއް ގެނައުމަށް ހަރުކަށި އިބާރާތުން ގޮވައިލައްވާފައިވާ ފުރަތަމަ ފަހަރެވެ.

ހެރިސް ވިދާޅުވީ, ޔަހޫދީންގެ ޢުދުވާނުގެ ސަބަބުން ފަލަސްޠީނުގެ ކުށެއް ނެތް އެތަކެއް ހާސް ބަޔަކު އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. އަދި, ފަސް މަހަށް ދިގުލައިގެން ގޮސްފައިވާ ޢުދުވާނާ ގުޅިގެން އެތަކެއް ހާސް ބަޔަކު ހައިހޫނުކަމާ ކުރިމަތިލާން މަޖުބޫރުވެފައިވާ ކަމުގައެވެ. އަދި, ޢުދުވާންތައް ހުއްޓައިލުމަށް ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިލަން އޭނާ ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ގޮވައިލައްވާފައެވެ.

މީގެ އިތުރުން, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން އަވަސްކޮށް, އިތުރު އެހީގެ ސާމާނު ފޮނުވާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް ހެރިސް ވާހަކަފުޅު ދެއްކެވިއެވެ. "ޣައްޒާގައި ރައްޔިތުން ތަޙައްމުލު ކުރަމުންދާ ބިކަ ހާލަތަށް ރިއާޔަތްކޮށް, ޢުދުވާންތައް ވަގުތުން ހުއްޓައިލަން ޖެހޭ. އެއްބަސްވުމެއްގެ ދެލިކޮޕީ ވަނީ އެކުލަވައިލެވިފައި. ޙަމާސުން އެ ދެލިކޮޕީގައިވާ ކަންކަމަށް އެއްބަސްވާން ޖެހޭ،" އަލަބޭމާ ސްޓޭޓްގެ ސެލްމާގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ހެރިސް ވިދާޅުވިއެވެ.

"ޣައްޒާގެ ރައްޔިތުން ދަނީ ހައިހޫނު ކަން ތަޙައްމުލު ކުރަމުން. އެ ސަހަރުގައި އޮތީ އިންސާނުންނަށް ދިރިއުޅޭ ފަދަ ހާލަތެއް ނޫން. މި ކަމާ މެދު ފިޔަވަޅުތަކެއް އަޅަން އަޅުގަނޑުމެންނަށް މަޖުބޫރު. [ޒަޔަނިސްޓު] އިސްރާއީލުގެ ސަރުކާރުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ މިންވަރު އިތުރު ކުރަން ޖެހޭ. މި ކަމާ ދެކޮޅަށް [ޔަހޫދީން] ދައްކާނެ އެއްވެސް ހުއްޖަތެއް ނެތް،" ހެރިސް ވިދާޅުވިއެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުން އިތުރު ކުރުމަށް އެ ސަހަރުގެ އިތުރު ސަރަޙައްދީ ހުރަސްތައް ހުޅުވައިލަން ޖެހޭ ކަމަށާއި, އެ ކަމަށް އޮތް ހުރަސްތައް ޔަހޫދީން ނައްތައިލަން ޖެހޭ ކަމުގައި ވެސް ހެރިސް ވިދާޅުވިއެވެ. އަދި, އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިދާރާތަކާއި, އެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ޙަމަލާ ދިނުން ހުއްޓައިލުމަށް ވެސް އޭނާ ވަނީ ޔަހޫދީ ފައުޖަށް ގޮވައިލައްވާފައެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން އެމެރިކާއިން ވެސް ވަނީ ފަށާފައެވެ. އެ ގޮތުން, އެމެރިިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ, 38,000 މީލް, ނުވަތަ ކާބޯތަކެތީގެ ޕެކޭޖް, މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރިފަށަށް ވައިގެ މަގުން ފޯރުކޮށްދީފައެވެ. އެ ގޮތަށް ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގައި ހެރިސް ވިދާޅުވިއެވެ.

ޢުދުވާންތައް ހުއްޓައިލުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވުމަށް ޙަމާސް ޖަމާޢަތުގެ އިސްވެރިން މާރިޗު 3 ވަނަ ދުވަހު ވަނީ މިޞްރުގެ ވެރިރަށް ޤާހިރާއަށް ދަތުރު ކޮށްފައެވެ. ނަމަވެސް, އެ މަޝްވަރާތަކުން ޔަހޫދީން ބޭރުވެ, މަޝްވަރާތަކުގައި ބައިވެރިވާން ދެކޮޅު ހަދަމުންދާ ކަމުގައި އިސްރާއީލުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. ސަބަބަކީ, ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ތެރެއިން ދިރިތިބި މީހުންގެ ލިސްޓެއް ދިނުމަށް ޙަމާސުން ދެކޮޅު ހެދުމެވެ. ޔަހޫދީ ސަރުކާރުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ނަމަވެސް އެމެރިކާއިން ބުނަނީ, މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި, އެމެރިކާއާއި އިސްރާއީލުން އެއްބަސްވުމެއްގެ ދެލިކޮޕީއަށް ރުހުން ދީފައިވާ ކަމުގައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,410އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާއިން ބުނެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 71,700އަށް އުފުލިފައެވެ.