ޚަބަރު

ޣައްޒާގެ މުސްލިމުންނަށް އެހީވާން އދން ކުރާ މަސައްކަތްތަކަށް ޔަހޫދީ ހުރަސް އަޅަނީ


ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އދއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި, އެ މަސައްކަތް ހުއްޓުވަން ޔަހޫދީން މަސައްކަތް ކުރަމުންދާ ކަމުގައި ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ން ބުނެފިއެވެ.

އެ އިދާރާގެ ކޮމިޝަނަރ-ޖެނެރަލް ފިލީޕް ލެޓްޒަރީނީ ވިދާޅުވީ, ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ އިދާރާއިން ކުރަމުންދާ މަސައްކަތްތައް ގަދަ ބާރުން ހުއްޓުވަން ޔަހޫދީން "ރޭވުންތެރިކަމާ އެކު ކެމްޕޭނެއް" ހިންގަމުންދާ ކަމުގައެވެ. އަދި, ޣައްޒާގައި ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކަށް ފަހު, ޣައްޒާގައި އެ އިދާރާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމުގައި ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާ ކަމުގައި ލެޓްޒަރީނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތަކަށް ހުރަސްއަޅައި, ހުއްޓުމަކަށް ގެންނަން [ޒަޔަނިސްޓު އިސްރާއީލުން] ދަނީ ބޮޑު ރޭވުމެއްގެ ދަށުން މަސައްކަތް ކުރަމުން. އެ މަސައްކަތް ވަނީ ފަށާފައި. އެ ކަން ކާމިޔާބު ކުރަން ފުރުޞަތު ދީފި ނަމަ, ފަލަސްޠީނުގެ ކުޑަކުދިންގެ ހިތްތަކުގައި ނަފްރަތުގެ ހުޅުކޮޅު ރޯ ކުރެވޭނެ. އަދި, ކުރިއަށް އޮތް ތަނުގައި އިތުރު ހަމަނުޖެހުންތައް ހިންގަން ފުރުޞަތު ހުޅުވިގެން ދާނެ،" އދގެ ޢާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ލެޓްޒަރީނީ ވިދާޅުވިއެވެ.

މި ރޭވުމުގެ ދަށުން ޔަހޫދީން ވަނީ ޔޫއެންއާރްޑަބްލިޔުއޭން ޙަމާސްގެ މުޖާހިދުންނަށް ވަޒީފާ ދީފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި, ޔަހޫދީންގެ މި ތުހުމަތުތައް ގަބޫލުކޮށް, ޔަހޫދީ އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ޤައުމުތަކުން ވަނީ އެ އިދާރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން މަޑުޖައްސައިލާފައެވެ. މިއީ, އެ އިދާރާއަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި ލެޓްޒަރީނީ ވިދާޅުވިއެވެ.

ލެޓްޒަރީނީ ވިދާޅުވީ, 16 ޤައުމަކުން އެ އިދާރާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން މެދުކަނޑައިލާފައިވާ ކަމަށާއި, މިއާ އެކު 450 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ތާށިވެފައިވާ ކަމުގައެވެ. މިއީ, ޔަހޫދީންގެ ނުބައިނުލަފާ ރޭވުމެއްގެ ދަށުން ފެތުރި ތުހުމަތުތަކާ ގުޅިގެން ލިބިފައިވާ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.

"މި އިދާރާގެ ކުރިމަގާ މެދު މި ވަނީ ސުވާލު އުފެދިފައި. ފަލަސްޠީނުގެ އެތަކެއް ހާސް ބަޔަކު ވަނީ މި އިދާރާގެ އެހީތެރި ކަމަށް ބަރޯސާވެފައި. ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް ބިނާވެފައި އޮތީ މި އިދާރާގެ މައްޗަށް،" ލެޓްޒަރީނީ ވިދާޅުވިއެވެ.

ޔޫއެންއާރްޑަބްލިޔުއޭގައި 13,000އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު, އެ އިދާރާއިން ދަނީ ޣައްޒާގައި މަދަރުސާތަކާއި, ޞިއްޙީ މަރުކަޒުތައް ހިންގުމުގެ އިތުރުން ފަލަސްޠީނުގެ މުސްލިމުންނަށް އިޖުތިމާޢީ އެހެން ޚިދުމަތްތައް ފޯރު ކޮށްދެމުންނެވެ. އޭގެ ތެރެއިން 3,000އެއްހާ މީހުން މިހާރު ވެސް ދަނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. ޣައްޒާގައި މި ވަގުތު ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ މީހުންގެ ޢަދަދު 576,000އަށް އަރާ ކަމުގައި އދއިން ބުނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,631އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާއިން ބުނެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 72,403އަށް އުފުލިފައެވެ.