ޚަބަރު

މާލީ ދަތިކަމަކީ ގޮންޖެހުމެއް- ދިވެހި ރެޑް ކްރެސެންޓް


ދިވެހި ރެޑް ކްރެސެންޓަށް މިހާރު ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާނުވެ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކާއި، ހެޔޮއެދޭ ފަރާތްތަކުން ފަންޑު ހޯދަން މަސައްކަތް ކުރާނެކަމަށް އެޖަމްޢިއްޔާގެ ރައީސް އަލީ ނާޝިދު ވިދާޅުވެއްޖެއެވެ.

ދިވެހި ރެޑްކްރެސެންޓުގެ 8 ވަނަ ޖެނަރަލް އެސެމްބްލީ ނިންމެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަލީ ނާޝިދު ވިދާޅުވީ، މިދިޔަ ޖެނަރަލް އެސެމްބްލީގައި ދިވެހި މުޖުތަމައަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް އަހަރަށް 29 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާކަމަށެވެ. ނާޝިދު ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކަށް ކުރިމަތިވަމުންދާ ހާދިސާތައް ގިނަވުމުގެ ސަބަބުން ބޭރުގެ އެހީތައް ލިބުން މިހާރު ދަތިވެފައިވާކަމަށެވެ. އެހެންކަމުން ދެން މަސައްކަތް ކުރައްވާނީ ރާއްޖޭގެ ކުންފުނިތަކާއި ގުޅިގެން ފަންޑު ހޯދުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

ދިވެހިރެޑް ކްރެސެންޓްގެ މައި އޮފީސް ޢިމާރާތް ކުރުމަށްޓަކައި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑްކުރޮސް އިން ދެއްވާފައިވާ އެހީތެރިކަމާއެކު މިއަހަރުގެ ނިޔަލަށް އެއިމާރާތް އެޅުމުގެ މަސައްކަތް ކުރައްވާނެކަމަށާއި، އެއިމާރާތް ބޭނުންކޮށްގެންވެސް މާލީގޮތުން އެޖަމާޢަތަށް ފައިދާތަކެއް ލިބިގެންދާނެކަން ދިވެހި ރެޑްކްރެސެންޓުން ހާމަކުރެއެވެ. 

ހަތަރުހާހެއްހާ ދަރުމަވެރިން ދިވެހިރެޑްކްރެސެންޓުގައި ހަރަކާތްތެރިވާއިރު، ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ހިނގާ ހާދިސާތަކާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން އެޖަމާއަތުގެ ތަމްރީން ކުރެވިފައިވާ ދަރުމަވެރިން ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް މުޖުތަމައަށް އެހީތެރިވެ ދީފައިފައިވާކަން ދިވެހި ރެޑްކްރެސެންޓުން ފާހަގަކުރެއެވެ.