ޚަބަރު

ޓީ.އޯ.ވައި.ޕީ އެވޯޑް އެސްޓީއޯއިން ސްޕޮންސަރކޮށްފި


ޖޭސީއައި މޯލްޑިވްސްއިން ދެމުން އަންނަ ޓީ.އޯ.ވައި.ޕީ އެވޯޑް އެސްޓީއޯއިން ސްޕޮންސަރކޮށްފިއެވެ.

މިކަމަށްޓަކައި ޝީ ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސްޕޮންސަރ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރެވެ. ޖޭސީއައި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ރައީސް ޔާމީން އާދަމެވެ.

10 ދާއިރާއަކުން ދޭ ޓެން އައުޓް ސްޓޭންޑިން ޔަންގް ޕާސަން ނުވަނަ ޓީއޯވައިޕީ އެވޯޑަކީ ޒުވާނުންގެ ތެރެއިން މުޖުތަމަޢުއަށް އެންމެ ރަނގަޅު ޚިދުމަތެއް ކޮށްދެމުން އަންނަ ދިހަ ޒުވާނަކަށް ދެވޭ އެވޯޑެކެވެ.

ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން ވިދާޅުވީ، މީގެކުރިން ދެފަހަރު މި އެވޯޑް ދީފައިވާކަމަށާއި ނަމަވެސް ފާއިތުވި ދެއަހަރު މި އެވޯޑް ނުދެވުނީ ރަނގަޅު ސްޕޮންސަރއެއް ނުލިބިގެންކަމަށެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހު ހުޅުވާލައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ޙަފްލާގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯއަކީ އަބަދުވެސް ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދެމުން އަންނަ ކުންފުންޏެއްކަމަށާއި، އެކުންފުނިން މި އެވޯޑް ސްޕޮންސަރކުރީ ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައިކަމަށެވެ.