ޚަބަރު

ސޫދާންގެ ހަމަނުޖެހުންތައް ރަމަޟާން މަހާ ދިމާކޮށް މެދުކަނޑައިލަން އދއިން ގޮވައިލައިފި


ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ސޫދާނުގައި ހިންގަމުންދާ ދާޚިލީ ހަމަނުޖެހުންތައް މެދުކަނޑައިލަން އދގެ ސަލާމަތީ މަޖިލީހުން ގޮވައިލައިފިއެވެ. މި ކަމަށް ގޮވައިލާ އެ މަޖިލީހުން ފާސްކުރި ޤަރާރަށް, އެ މަޖިލީުހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން ތާޢީދު ކުރިއެވެ. އިނގިރޭސިވިލާތުން ހުށަހެޅި މި ޤަރާރުގެ ވޯޓުގައި ރަޝިޔާއިން ބައިވެރިއެއް ނުވެއެވެ.

ސޫދާންގެ ދާޚިލީ ހަމަނުޖެހުންތައް ފެށުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަނުޖެހުންތަކާ ގުޅިގެން 8.3 މިލިޔަން މީހުން ވަނީ ގެދޮރު ނެތިފައެވެ. އދގެ ސަލާމަތީ މަޖިލީހުން ބުނީ, ރަމަޟާން މަހާ ދިމާކޮށް މި ހަމަނުޖެހުންތައް މެދުކަނޑައިލައި, ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ޖެހިފައިވާ 25 މިލިޔަން މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ ފުރުޞަތު ދޭން ޖެހޭ ކަމުގައެވެ.

މި ހަމަނުޖެހުންތަކުގައި އެތަކެއް ހާސް ބަޔަކު މަރުވެފައިވާއިރު, އެ ޢަދަދު ސާފެއް ނޫނެވެ. ނަމަވެސް, އދއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި, މި ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު ވަނީ 13,000އަށް އުފުލިފައެވެ. އަދި, ޒަޚަމުވެފައިވާ މީހުންގެ ޢަދަދު ވަނީ 26,000އަށް އުފުލިފައެވެ. އދއިން މި ޢަދަދުތައް ހާމަ ކޮށްފައި ވަނީ ޖަނަވަރީ މަހުއެވެ.

ސޫދާންގައި ހަމަނުޖެހުން ހިންގަމުން ދަނީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)އާއި އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިންނާ ދެމެދެވެ. އެ ހަމަނުޖެހުންތަކުގެ ދެ ފަރާތުގައި ތިބީ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލްފައްތާޙް އަލް-ބުރްހާނާއި އާރްއެސްއެފްގެ އިސްވެރިޔާ ޖެނެރަލް މުޙައްމަދު ހަމްދާން ދަގަލޯއެވެ. ހަމަނުޖެހުންތައް ފެށުނީ, އާރްއެސްއެފްގެ ސިފައިން ވެރިރަށް ޚަރްތޫމަށް އަރައި, އެ ރަށް ހިފަން މަސައްކަތް ފެށުމުންނެވެ. ޚަރްތޫމްގެ ބައެއް ސަރަަޙައްދުތައް މިހާރު އޮތީ އާރްއެސްއެފްގެ އަތްދަށުގައެވެ.

މި ހަމަނުޖެހުންތައް މެދުކަނޑައިލުމަށް ގޮވައިލައި, އދގެ ސަލާމަތީ މަޖިލީހުން ވަނީ މަޝްވަރާ ކޮށްގެން މި މައްސަލައަށް ހައްލެއް ހޯދުމަށް ދެ ފަރާތަށް ގޮވައިލާފައެވެ. އަދި, ސަރަޙައްދީ އިން ހުޅުވައިލައި, ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރު ކޮށްދިނުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގޮވައިލާފައެވެ. ސޫދާންގެ ޢާންމު ރައްޔިތުންގެ ހާލަތު ދެރަވަމުންދާ ކަމަށް ބުނެ, އދގެ ސަލާމަތީ މަޖިލީހުން ކަންބޮޑުވުން ވެސް ފާޅު ކޮށްފައިވެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ގޮވައިލުންތައް ތަކުރާރު ކުރައްވައި, އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ, ރަމަޟާން މަހުގެ ބަރަކާތްތެރި ކަން އިސްކޮށް, ހަމަނުޖެހުންތައް މެދުކަނޑައިލަން ގޮވައިލައްވާފައެވެ. އަދި, މި ހަމަނުޖެހުންތަކާ ގުޅިގެން ސަރަޙައްދީ ހަމަޖެހުން ގެއްލެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބުރްހާން ވަނީ އދގެ ގޮވައިލުންތަކަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް, އޭނާގެ ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ވަނީ, ހަމަނުޖެހުންތައް މެދުކަނޑައިލަން އެއްބަސްވާނީ އާރްއެސްއެފްގެ ފައުޖުތަކުން ޚަރްތޫމުން ފޭބުމުން ކަމަށް ބުނެފައެވެ. މި ކަމާ ގުޅޭ ގޮތުން އާރްއެސްއެފުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރޭގައި ހިމެނޭ ރަޝިޔާއިން ސޫދާނާ ބެހޭ ޤަރާރުގެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ރަޝިޔާއިން ބުނީ, މި ފަދަ ޤަރާރެއް ހުށަހެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައެވެ. ސަބަބަކީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވަން ސަލާމަތީ މަޖިލީހުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމެވެ. އަދި, އެ ކަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ހުރިހާ ޤަރާރަކަށް އެމެރިކާއިން ހުރަސް އަޅާފައިވުމެވެ.

"އަޅުގަނޑުމެންނަށް ހުޅަނގުގެ ޙަޤީޤީ މަޤުޞަދުތައް އޮޅިފައެއް ނެތް. މަންޒަރު ވަރަށް ސާފު. ދެ މައްސަލައަކާ ގުޅޭ ގޮތުން މުޅިން ތަފާތު ދެ ގޮތަކަށް [ހުޅަނގުން] އަމަލު ކުރަނީ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް [ޔަހޫދީ ފައުޖުން] ގަތުލުއާންމުތައް ހިންގަމުންދާއިރު, ވަކި ޤައުމުތަކަކުން މި ދަނީ އެހެން މައްސަލައަކާ މެދު ޤަރާރުތައް ހުށަހަޅަމުން،" އދއަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު އަންނަ ޔިސްތިގްނިޔޭވާ ވިދާޅުވިއެވެ.

ސޫދާންގެ އިންސާނީ ހާލަތާ ގުޅޭ ގޮތުން އިންސާނީ އެހީއާ ބެހޭ އދގެ އިދާރާގެ އިސްވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވީ ހަމަޖެހުނުްތައް ހުއްޓައިނުލި ނަމަވެސް, ސޫދާންގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ޖެހޭ ކަމުގައެވެ. އަދި, އެ ޤައުމުގެ 50 މިލިޔަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އިންސާނީ އެހީއަށް ޖެހިފައިވާ ކަމަށާއި, އޭގެ ތެރެއިން 18 މިލިޔަނެއްހާ މީހުން މަގުމަތިވެ, ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ.