ޚަބަރު

ބޭނުންނުކޮށް މަގުތަކުގައި ހުރި 280އަށްވުރެ ގިނަ އުޅަނދު ނައްތާލައިފި


  • ބައު އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 17ގައި

  • ނިމުނު ހަފްތާ ބަންދުގައި 123 އުޅަނެއް ވަނީ ނަގާފައި

  • މި މަސައްކަތް ކުރިއަށްގެންދަނީ މާލެ އަދި ހުޅުމާލޭގައި

ގިނަދުވަސްވެ ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާފައިވާ 280 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.

މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެ ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށީ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ. މި މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ނިމުނު ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރި މަސައްކަތުން، 123 އުޅަނދު ނައްތާލާފައިވާކަމަށެވެ. މިއާއެކު މި ޕްރޮގްރާމްގެދަށުން މިވީ 3 ހަފްތާގެ ތެރޭގައި ޖުމްލަ 281 އުޅަނދު ނައްތާލާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެތެރޭގައި ކާރާއި ޕިކަޕު ހިމެނެއެވެ.

ގިނަ ދުވަސްވެ ހަލާކުވެފައިވާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެދަށުން މާލެ އަދި ހުޅުމާލެއިން މިގޮތަށް ޕާކުކޮށްފައި ހުރި ގިނަ ޢަދަދެއްގެ އުޅަނދުތައް ވަނީ ނަގާފައެވެ. އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ތިލަފުއްޓަށް ގެންގޮސްގެންނެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބައެއްގެގޮތުގައި ކުރިއަށްގެންދަނީ މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ އުލަނދުތައް ނައްތާލުމުގެ މަސައްކަތެވެ. މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ފަހިކޮށްދީފައެވެ.

މި ޕްރޮގްރާމްގެ މަޤުޞަދަކީ މާލޭގެ މަގުތަކަކީ ސާފު އަދި ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ފަސޭހަ ތަނަކަށް ހެދުމެވެ. އަދި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި އުޅަނދުތައް ޕާކުކުރުމުގެ މައްސަލައަށްވެސް ޙައްލެއް ގެނައުމަކީވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަޤްޞަދެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ވެހިކަލް ތޮއްޖެހުމާއި، ޕާކިން މައްސަލައަކީ ބޮޑު މައްސަލައެވެ. އަދި ވެހިކަލް ހަލާކުވެ މަގުތަކަށް ދޫކޮށްލާފައި ހުންނަ މައްސަލައަކީވެސް ޙައްލު ހޯދިފައި ނުވާ މައްސަލައެވެ.