ސަރުކާރުގެ ކުރީކޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދަމުންދާތީ، ތަރައްޤީގެ ރޮނގުން ވުޒާރާތަކުން ކުރަންޖެހޭ މަސައްކަތް އަވަސްވެއްޖެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ފަށްޓަވާފައިވާ އެއް މަސައްކަތަކީ އަތޮޅުތެރެއަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. އެމަނިކުފާނު މިހާތަނަށް ވަނީ 17 އަތޮޅަކުން 60 ރަށަށް ވަޑައިގެން، 150 ކައުންސިލާ ބައްދަލުކުރައްވާފައެވެ. މީގެތެރޭފައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިމެނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައެވެ.
ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމަށް ކައުންސިލްތަކާއި ގުޅިގެން މަސައްކަތްކުރެއްވުމަށް ވަކި ޚާއްސަ ވުޒާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ވުޒާރާގެ ފަރާތުންވެސް މިހާތަނަށް 90 ކައުންސިލަކާއެކު ވަކިވަކިން ބައްދަލުކުރައްވާފައިވާކަމަށެވެ. މީގެ ސަބަބުން ކައުންސިލްތަކުންނާއި ރައްޔިތުން ބޭނުންވާ މުހިންމު ކަންކަން ދެނެގަނެ، ސަރުކާރުން އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ވަރަށް ގާތުން ދެނެގަނެވިފައިވާކަމަށެވެ.
އަދި ރަށްރަށުގެ ތަރައްޤީގެ މަސައްކަތުގައި ސަރުކާރުން ދާންވީ މިސްރާބު ވަރަށް ސާފުކޮށް އޮޅުން ފިލާފައިވާކަމަށެވެ. މީގެ ސަބަބުން ވުޒާރާތަކުން އިސްކަންދޭންވީ މަސައްކަތްތައް ދެނެގަނެވި، އެކަންކަމަށް މަސައްކަތް ފެށުމަށް ފަސޭހަވެފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އަވަސް ޙައްލު ބޭނުންވާ މަސައްކަތްތައް މިހާރުވެސް ފެށިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ކައުންސިލްތަކާ ބައްދަލުކުރީމަ އިނގޭ އަވަސް ހައްލު ބޭނުންވާ ކަންކަން. އަދި ވަގުތުން ޙައްލު ގެނެވެން ހުރި ކަންކަމަށް ދަނީ ޙައްލު ގެންނަމުން. ރައްޔިތުންނާ ވަރަށް ގާތުން މި މަސައްކަތް ކުރެވެނީ. މި އުފެދުނު ވުޒާރާގެ ސަބަބުން ކައުންސިލްގެ ކަންކަން ގާތުން ދެނެގަނެވި، ހުރިހާ މިނިސްޓްރީތަކުގެ ސްޕީޑް އަވަސްވެއްޖެ. ސަރުކާރުގެ ހިންގުން އަވަސްވެއްޖެ." ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެއެވެ.
ގާތުން މޮނިޓަރ ނުކުރުމުގެ ސަބަބުން ރަށްރަށުގައި ފަށާފައިވާ ވަރަށް ގިނަ މަޝްރޫއުތައް ހުޓިފައިވާކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ދަނީ ފާޅުކުރަމުންނެވެ. އަދި މަސައްކަތްތައް އަވަސްކޮށްދިނުމަށް ސަރުކާރުގައި ދަނީ އެދެމުންނެވެ.
ކައުންސިލްތައް ބާރުވެރިކުރުވާ، ފުދުންތެރި ރަށްތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ މިހާތަނަށްވަނީ މުހިންމު ނިމެވުންތަކެއް ނިންމަވާފައެވެ. އެގޮތުން އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ކޮންމެ ރަށަކަށް ފަޅު ރަށެއް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަދި ރަށްރަށުގައި ޓެކްސް ނަގާގޮތަށް ގެންދާ ސިނާޢީ މަސައްކަތްތަކުން ސަރުކާރަށް ނަގާ ޓެކުސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭގޮތަށް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި މަސައްކަތަށް ލާމަރުކަޒީ ޤާނޫނާއި ޓެކުހުގެ ޤާނޫނު އަދި ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށައެޅުމަށް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް އިތުރުކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމުގައި ހަރުދަނާ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ވަނީ ނިންމަވާފައެވެ.