މިހާތަނަށް މަދު ރަށެއް ފިޔަވާ ހުރިހާ ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރައްވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޭންޑް ޔޫސް ޕްލޭން، ހެދުން ކައުންސިލްތަކަށް ލާޒިމްކުރެއެވެ. އެޤާނޫނުގައި ބަޔާންކުރަނީ، ކައުންސިލްތަކުގެ އިންތިޚާބަށްފަހު އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެރަށެއްގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލައްވާނެކަމަށެވެ. ނަމަވެސް ކައުންސިލްތައް ހުވާކޮށް 2 އަހަރު ވިއިރުވެސް ގިނަކައުންސިލްތަކުން އޮތީ ލޭންޑް ޔޫސް ޕްލޭން އެކުލަވާ ނުލައެވެ. މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު ފާސްވެފައި ވަނީ މަދު ރަށެއްގެ ލޭންޑު ޔޫސް ޕްލޭނެވެ.
ކައުންސިލްތަކުން ސަރުކާރަށް ހުށައަޅަމުންދާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ރަށްތަކުގެ ބިން ބޭނުންކުރާނެ ގޮތުންގެ ޕްލޭން ފާސްނުވެ، ރަށުގެ ތަރައްޤީގެ މަސައްކަތްތައް ލަސްވާ މައްސަލަކަމަށްސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ސަރުކާރު އައިސް ކައުންސިލްތަކަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި މަސައްކަތް އަވަސްކުރުމަށް މިދިޔަ ޖެނުއަރީ މަހު ވަނީ ސަރުކާރުގެ އޮންލައިން ޕޯޓަލް "ވަންގަވް" މެދުވެރިކޮށް، ޕްލޭން ފާސްކުރުމަށް އޮންލައިންކޮށް ހުށައެޅޭނެ ފަސޭހަ އިންތިޒާމެއް ކައުންސިލްތަކަށް ފަހިކޮށްދީފައެވެ. އެގޮތުން ޕްލޭން ފާސްކުރުމަށް މުޅިން އަލަށް ހުށައެޅުމާއި ޕްލޭނަށް ބަދަލު ގެނައުމަށްވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅެވެ.
އާދަމް ޝަރީފް އުމަރު ވިދާޅުވީ ސަރުކާރުން ފަހިކޮށްދެއްވި ފުރުޞަތާއެކު ކައުންސިލްތަކަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގައި ވަރަށް ބޮޑު ލުޔެއް ލިބިއްޖެކަމަށެވެ. އެގޮތުން މައްސަލައެއް ނެތް ނަމަ، މިހާރު މި ޕްލޭން ހުށައަޅާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕްލޭން ފާސްކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ކުރިން މި މަސައްކަތަށް އެތަށް މަހެއް ހޭދަވެ ކައުންސިލްތަކުގެ މަސައްކަތްތައް ލަސްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިދާރީ ދާއިރާތަކާ ބެހޭ ވަޒީރު ވިދާޅުވީ ޕްލޭން ހުށައެޅުމަށްފަހުގައި އެ ޕްލޭން ރިވިއުކުރުމުގެ މަސައްކަތްކުރިއަށްދާގޮތުގެ ސްޓޭޓަސްވެސް ވަންގަވް ޕްލެޓްފޯމްގެތެރެއިން ކައުންސިލްތަކަށް ފެންނަން ހުންނަކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ހުރި ރަށްތަކުގެ ޢަދަދު 24އަށްވުރެ މަދުވާނެކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން، އެކަމާ ގުޅުންހުރި ވުޒާރާއަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެއަށް އަމަލުކުރަން ފަށާނީ އެ ޕްލޭނަށް އަމަލުކުރުމަށް، ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި ފާސްކުރުމުންނެވެ. ބިމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް 139 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިވާކަމަށެވެ. އަދި އެޕްރޫވް ކުރުމުގެ މަރުޙަލާގައި 21 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެބައޮތްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
"ރައީސް އެންމެ ފުރަތަމަ ފަހިކޮށްދެއްވި އެއް ކަންތައް އެއީ ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރެވޭނެ ފަސޭހަ ގޮތެއް ހޯދުން. މިހާރު ވަރަށް ފަސޭހަ މި މަސައްކަތް ކުރަން. ވަރަށް މަދު ރަށެއް ނޫނީ ހުރިހާ ރަށްތަކުގެ ޕްލޭން ފާސްކޮށްފިން. އެންމެ ފަހުން ބަލާލިއިރު ފާސްނުވެ އޮތީ 24ވަރަކަށް ރަށް. މިހާރު އެ އަދަދު އެއަށްވުރެވެސް ދަށްވާނެ." ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީންވެސް ދަނީ އެހީވަމުންނެވެ. އެ އޮތޯރިޓީން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށް ކައުންސިލްތަކަށް ފަންޑު ހަމަޖައްސައިދެމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭންތައް ފާސްކުރެވިގެންދާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
ލޭންޑް ޔޫސް ޕްލޭންގެ އެންމެ ބޮޑު ބޭނުމަކީ ރަށްރަށުގެ ބިން، އިޖްތިމާއީ އަދި އިޤްތިޞާދީ ކަންކަމަށް ބޭނުންކުރާނެ ޕްލޭނެއް ހެދުމެވެ. އެގޮތުން ބޯހިޔާވަހިކަމާއި އިޖްތިމާޢީ ޚިދުމަތްތަކާއި އިޤްތިޞާދީ މަސައްކަތަކަށް ރަށުގެ ބިން ބޭނުންކުރާނެގޮތަށް އެ ޕްލޭންގައި ހިމެނޭނެއެވެ.