ޚަބަރު

މަސްޖިދުލްއަޤްޞާގެ ދޮރުތަކުގައި ދަގަނޑު ބެރިކޭޑު ޖަހައި ބަންދުކޮށްފި


ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ނަމާދު ކުރަން ބޭނުން މުސްލިމުންނަށް ހުރަސް އެޅުމުގެ ގޮތުން މިސްކިތަށް ވަދެވެން އޮތް ހުރިހާ ދޮރެއް ކައިރީގައި ޔަހޫދީން ދަގަނޑު ބެރިކޭޑު ޖަހައި ބަންދު ކޮށްފިއެވެ. ރަމަޟާން މަހާ ދިމާކޮށް މިސްކިތުގައި ނަމާދު ކުރުމުގެ ފުރުޞަތު ދޭނީ ވަކި ޢަދަދެއްގެ ބަޔަކަށް ކަމަށް ބުނެ, ޔަހޫދީން ވަނީ އެ ޢަދަދު ކޮންޓްރޯލް ކުރާނެ ކަމަށް ބުނެފައެވެ.

އަދި, ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހުގެ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާން ބޭނުންވި މުސްލިމުންނަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން މި ވަނީ ބެރިކޭޑު ޖަހައި, އަޤްޞާއަށް ވަދެވެން ހުރި ދޮރުތައް ބަންދު ކޮށްފައެވެ. އުރުދުނުން ވަނީ މި ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. މަސްޖިދުލްއަޤްޞާ ބެލެހެއްޓުމުގެ ޒިންމާތައް މަތިކޮށްފައި އޮންނަނީ އުރުދުނަށެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ, މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމުގައެވެ. އަދި, މިއީ ވަރަށް ނުރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ވެސް އުރުދުނުން ސިފަ ކޮށްފައިވެއެވެ. "އަލް-އަޤްޞާ މިސްކިތުގެ ދިރުތަކުގައި ޔަހޫދީގެ އިސްތިޢުމާރީ ފައުޖުން ދަގަނޑު ބެރިކޭޑުތަކެއް ޖެހުމަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެއް. މިއީ, އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

އަލް-އަޤްޞާއަކީ ޔަހޫދީންނަށް އިހުތިޞާޞް ހިންގޭނެ ތަނެއް ނޫން ކަމުގައި ވެސް އުރުދުނުން ބުންޏެވެ. "އަޤްޞާ މިސްކިތަަށް ވަދެނިކުމެވާ, އަދި ނަމާދަށް އަރާ މުސްލިމުންނަށް ހުރަސް އެޅުމުގެ އެއްވެސް ޙައްޤެއް ޔަހޫދީންނަކަށް ނޯންނާނެ،" މި އަމަލު ކުށްވެރިކޮށް އުރުދުންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރަމަޟާން މަހު އަޤްޞާއަށް ނަމާދަށް އަރާ މުސްލިމުންނަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އުރުދުންގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އަޔިމަން ޞަފާދީ މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ. މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޞަފާދީ ވިދާޅުވީ, މިސްކިތުގައި ނަމާދު ކުރެވޭނެ މީހުންގެ ޢަދަދު ޔަހޫދީންނަށް ނުހިފެހެއްޓޭނެ ކަމުގައެވެ. އަދި, އެ ކަން ބަލައިނުގަންނަ ކަމުގައެވެ. އަދި, އެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ މެދުއިރުމަތި "ފަޅައިގެން ހިނގައިދާނެ" ފަދަ އަމަލެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައިވެއެވެ.

"މުސްލިމުން ދީނީ އަޅުކަން ކުރުމުގެ ޙައްޤުން މަހުރޫމު ކުރުވުމަކީ, އަދި އަޤްޞާއަށް ވަނުމަށް ހުރަސް އެޅުމަކީ ވަރަށް ނުރައްކާތެރި އަމަލަކަށް ވާނެ. އަޅުގަނޑުމެން މި އިންޒާރު ދެނީ, އެ ގޮތަށް އަމަލު ކޮށްފި ނަމަ މަސްރަޙު 'ގޮވާފާނެ'،" ޞަފާދީ ވިދާޅުވެފައިވެއެވެ.

ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ.