ބަރަކާތްތެރި ރަމަޟާންމަހު ރޯދަ ވީއްލުމަށްޓަކައި އިފްތާރު ޕެކް ނުވަތަ ރޯދަވީއްލާ ޕެކްހަދިޔާ ކުރުމަކީ އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ކޮށްއުޅޭކަމެކެވެ. މިއީ ރާއްޖޭގެ އިތުރުން އިސްލާމީ ގިނަ ޤައުމުތަކުގައިވެސް ކުރަމުން އަންނަ ކަމެކެވެ. ވަކިން ޚާއްސަކޮށް ސައުދީ އަރަބިއްޔާގައި މިގޮތައް އިފްތާރު ޕެކް ހަދިޔާކުރުމުގެ މަސައްކަތް ޙައްޖާއި ޢުމްރާ ގުރޫޕްތަކުންނާއި އެނޫންވެސް ފަރާތްތަކުން ޚާއްޞަ އިސްކަމެއް ދީގެން ކޮށްއުޅެއެވެ.
ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށްދާ ދިވެހި ހައްޖު ގްރޫޕްތަކުންވެސް އިސްނަގައިގެން ހަރަމްފުޅު ސަރަހައްދުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތްކުރެއެވެ. މިގޮތުން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުންވެސް ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު މިކަން ކުރަމުން އާދެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށްވެސް ވަނީ އިފްތާރު ޕެކް ބެހުމުގެ ހަރަކާތެއް ކުރިއަށްގެންގޮއްސައެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ކުރިއަށްގެންދިޔަ އިފްތާރު ޕެކް ބެހުމުގެ ހަރަކާތާއި ބެހޭގޮތުން މައުލޫމާތުދެމުން އަޙްމަދު އައްފާން ބުނީ، ހަރަމްފުޅު ސަރަހައްދުގައި އުޅޭ އެކި ޤައުމުތަކުގެ މީހުންނަށް ރޯދަ ވީއްލުމަށް ޕެކް ބެހުމަކީ އެ ގްރޫޕްގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެއްކަމަށެވެ. މިކަމުގައި ޢުމްރާވެރިންގެ ބައިވެރިވުންވެސް ވަރަށް ފުރިހަމައަށް ލިބެމުން އަންނަކަމަށް އޭނާ ބުންޏެވެ.
"މި ޕްރޮގްރާމް އަޅުގަނޑުމެން ކުރިއަށްގެންދަނީ ޢުމްރާވެރިންގެ ދީލަތި އެހީތަކާއި އެއްކޮށް އަދި އެބޭފުޅުންގެ ބައިވެރިވުމާއި އެއްކޮށް މި ޕެކްތައް ރެޑީކޮށްފައި، ބެހުމުގައިވެސް ހަމަ ހުރިހައި ކަމެއްގައިވެސް ޢުމްރާވެރިންގެ އެއްބާރުލުމާއިއެއްކޮށް އެބޭފުޅުންނާއި ޤިބްލަ ޓީމާއި ގުޅިގެން ކުރާކަމެއްގެ ގޮތުގައި އަޅުގަނޑުމެން މިކަން ކުރަނީ." އައްފާން ބުންޏެވެ.
މިއީ މިއަހަރު ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން ކުރިއަށްގެންދިޔަ މިފަދަ ފުރަތަމަ ހަރަކާތެވެ. ރަމަޟާންމަހުގެ ފަހު ދިހައެއްގައިވެސް ހަރަމްފުޅު ސަރަހައްދުގައި ރޯދަވީއްލާ ޕެކް ބެހުމުގެ ހަރަކާތް ކުރިއަށްގެންދާނެކަމަށް އެ ގްރޫޕުން މައުލޫމާތުދެއެވެ.
ރޯދަވީއްލުމަށްޓަކައި އިފްތާރު ޕެކް ހަދިޔާކުރުމަކީ ގިނަގުނަ ޘަވާބު ލިބޭ މަތިވެރި އަޅުކަމެކެވެ. އެގޮތުން ރޯދަވީއްލުމަށް އެއްޗެއް ހަދިޔާކުރުމަކީ ރޯދަ ވީއްލުން ދޭމީހާއަށް ރޯދަ ހިފި މީހެކޭ އެއްވަރަށް ޘަވާބު ލިބިގެންދާ މަތިވެރި އަޅުކަމެކެވެ. މިގޮތައް މިސްކިތްތަކުގައި ރޯދަވީއްލުމަށް ތަކެތި ބެހުމަކީ މިހާރު ރާއްޖޭގައިވެސް ކުރަމުން އަންނަކަމެކެވެ.