ގަޑިއަކު 300 އެއްހާ އުޅަދަށް ޚިދުމަތް ދެވޭ ފެންވަރަށް މާލޭގައި އަލަށް ޤާއިމްކުރި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހިންގުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާއި ޙަވާލުކޮށްފިއެވެ.
މާލޭގައި ޒަމާނީ ފެންވަރަށް އަލަށް ޤާއިމްކުރި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ. އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މާލޭގައި ޤާއިމްކުރި މި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމަށްޓަކައި 184 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޤާއިމުކޮށްފައިވާ ތަނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މި ފެސިލިޓީ ވެގެންދާނީ މާލޭއަށް މިއަދު ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނެ ފުރިހަމަ ފެސިލިޓީއަކަށެވެ. އަދި ޖާގަ ތަނަވަސް އެއްވެސް ދަތިކަމެއްނެތި ޙިދުމަތް ދެވޭނެ ފެންވަރުގެ ތަނަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ފެސިލިޓީއަށް ގަޑިއަކު ނުވަތަ ދުވާލަކު 300 އުޅަނދަށް އެއީ ވެހިކަލްއަށް ސާރވިސް ދެވޭވަރުގެ ކެޕޭސިޓީ ހުރި ފެސިލިޓީއެއް މިއީ މާލެ ތެރެއިން އަންނަ ކުނި މި 300 އުޅަނދު މި ދެންނެވި ގަޑިއެއްހާއިރު ތެރޭގައި ކޭޓަރ ކުރެވިގެން ދާނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ، ވެމްކޯގެ މަސައްކަތް ހަރުދަނާކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ކުރަމުންދާކަމަށެވެ.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ އެ ވުޒާރާއިން އިޢުލާން ކޮށްފައިވާ "ހަފްތާ-14" މަގުޗާޓުގައި ހިމެނޭ "މަގޭ ސާފު ރާއްޖެ" ޕްރޮޤްރާމްގެ ދަށުން މުޅި ރާއްޖެ ހިމެނޭހެން މިފަދަ އިތުރު ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި، ވެމްކޯގެ މަސައްކަތަށް ޚާއްސަކޮށްގެން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި އަލަށް ޤާއިމްކޮށްފައިވާ 6 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގއަށް އެ އިދާރާތަށް ބަދަލުކުރެވޭނެކަމަށެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަޙައްދަށް އަމާޒުކޮށްގެން ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގި މަޝްރޫޢެކެވެ.
މި މަޝްރޫޢުއަކީ އޭޑީބީ އިން ބަލަހައްޓަމުންދާ "ޖަޕާން ފަންޑް ފޮރ ޕްރޮސްޕެރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް' ގެ 2 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭ ޕްރޮޖެކްޓެކެވެ.
މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގއަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކޮށްފައިވާ އިމާރާތެކެވެ. މިގޮތުން، ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މި ސްޓޭޝަންގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތައްކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ވެމްކޯގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެކޯޕަރޭޝަންގެ ވެހިކްލަތައް ޕާކްކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އެންމެ މަތީ ފަންގިފިލާގެ ރޫފް ޑެކްގައި ވަނީ ޕާކިންގއަށް ޖާގަ ޚާއްސަ ކުރެވިފައެވެ. މީގެ އިތުރުން، މި ޢިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ޚާއްސަ ޖާގައަކާއި، ވެމްކޯގެ ވެހިކަލް މެއިންޓެނެންސް ގަރާޖެއްގެ އިތުރުން، ވެމްކޯގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚާއްސަ ފްރަންޓް އޮފީހެއް ވަނީ ޤާއިމުކޮށްފައެވެ.