ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަކީ ފަލަސްޠީނުގެ މުސްލިމުން ބަނޑަށް މަރަން [ޝަހީދު ކުރަން] ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ހަނގުރާމައިގެ އުކުޅެއް ކަމަށް ބުނެ, އެއީ ހަނގުރާމައިގެ ކުށެއް ކަމުގައި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވެއްޖެއެވެ.
ތުރްކު މި ކަން ހާމަ ކުރައްވާފައި ވަނީ, ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ޖައްސާފައިވާ އިންސާނީ މުސީބާތާ ގުޅޭ ގޮތުން އދން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައި ތުރްކު ވިދާޅުވީ, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީން ހުރަސް އަޅަމުންދާ ނަމަ, މޭ މަހުގެ ކުރިން ޣައްޒާގެ ހުރިހާ ރައްޔިތުން ބަނޑަށް ޖެހުމުގެ ނުރައްކާ އޮތް ކަމުގައެވެ.
"ޣައްޒާއަށް އިންސާނީ އެހީ ވައްދަން ޔަހޫދީން ހުރަސް އަޅަމުންދާ ގޮތާއި, ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް [ލާއިންސާނީ] ޙަމަލާތައް ދެމުންދާ ގޮތަކީ, ފަލަސްޠީނުގެ ރައްޔިތުން ގަސްދުގައި ކާބޯތަކެތިން މަހުރޫމު ކޮށް, ހައިހޫނު ކަމަކީ ހަނގުރާމައިގެ ހަތިޔާރަކަށް ހަދައި, އެ މީހުން ބަނޑަށް ޖައްސަން [ޔަހުދީން] ހިންގަމުންދާ ހަނގުރާމައިގެ ކުށެއް،" ތުރްކު ވިދާޅުވިއެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ގަސްދުގައި ހުރަސް އަޅަމުންދާ ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ދަނީ ބުނަމުންނެވެ. ކާބޯތަކެއްޗާ އެކު ޣައްޒާގައި ދަތުރުކުރި އދ ފަދަ އިދާރާތަކުގެ އުޅަނދުފަހަރަށް ވެސް ޔަހޫދީ ފައުޖުން މީގެ ކުރިން ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. ނަމަވެސް, ޣައްޒާއަށް އެހީ ވައްދަން އެއްވެސް ވަރަކަށް ހުރަސް އަޅާފައި ނުވާނެ ކަމުގައި ޔަހޫދީން ބުނެއެވެ.
ތުރްކު ވިދާޅުވީ, ޣައްޒާގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުން ދަނީ, އަދި ޣައްޒާގެ ރައްޔިތުން އަޅުވެތި ކޮށްގެން ގެންގުޅެނީ ޔަހޫދީ އިސްރާއީލުން ކަމުގައެވެ. އެހެންކަމުން, ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރު ކޮށްދިނުމަކީ އިސްރާއީލުގެ ޒިންމާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, މިއީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ހާލަތެއް ކަމަށާއި, އެ މީހުންނަށް ކާބޯތަކެއްޗާއި, ޒަރޫރީ ޚިދުމަތްތަކާއި, ފެނާއި, ކަރަންޓުގެ ޚިދުމަތުގެ އިތުރުން ތެޔޮ ފޯރުކޮށްދޭން ޖެހޭ ކަމުގައެވެ.
"ޣައްޒާއިން ކާބޯތަކެތި ވަނީ ހުސްވެފައި. އެ މީހުން މިހާރު ކެއުމަށް ބޭނުން ކުރަނީ ދޫނިސޫފާސޫފި ކެއުމަށް ބޭނުން ކުރާ ގަސްގަހާއި މާމެލާމެލީގެ އޮށް ފަދަ ތަކެއްޗާއި, ނައަމްސޫފި ކާނާގެ ގޮތުގައި ބޭނުން ކުރާ ތަކެއްޗާއި, ގަސްގަހާގެހި އަދި ފަތްޕިލާވެލި. އެ ތަކެތި ވެސް ޣައްޒާއިން ވަނީ ހުސްވެފައި. މިހާރު ކާނެ އެއްވެސް އެއްޗެއް ނެތް،" އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާގެ ތަރުޖަމާނު ޔެންސް ލެއާރކް ވިދާޅުވިއެވެ.
އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 31,819އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުޑިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ހާމަ ކުރެއްވިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,934އަށް އުފުލިފައެވެ.