ޚަބަރު

ތިލަމާލެ ބްރިޖްގެ %35 ނިމިއްޖެ، ޓައިމްލައިން އަވަސްކުރަން މަޝްވަރާކުރާނަން: މުއްޠަލިބް


  • ބްރިޖް މަސައްކަތް އުޅެނީ ޝެޑިއުލަށްވުރެ %1.11 ކުރީގައި

  • ތަނބު ޕައިލިންގެ %58ވަނީ ނިމިފައި

  • މުޅި މަޝްރޫޢު 30 ސެޕްޓެމްބަރ 2026އަށް ނިންމަން ވަނީ ތާވަލުކޮށްފައި

ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ތާވަލަށްވުރެ %1.11 ކުރިއަށް ޖައްސާލެވިފައިވާކަމަށާއި، މަސައްކަތުގެ ޓައިމްލައިން އަވަސްކުރަން ކޮންޓްރެކްޓަރާ މަޝްވަރާކުރައްވާނެކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މުޅި މަޝްރޫއު ނިންމަން މިހާރު ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރ 2026އަށެވެ.

މުއްޠަލިބު މިހެން ވިދާޅުވި އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ތިލަމާލެ ބްރިޖް ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށްކަމަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށްކަމަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށްވެސް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026އަށް ކަމަށެވެ.

ބްރިޖްގެ މަސައްކަތް ލަސްވެފައިވަނިކޮށް އެ މަސައްކަތް އަވަސްކޮށް، ޚާއްސަ އިސްކަމެއްދޭ މަސައްކަތެއްގެ ގޮތުގައި ސަރުކާރުގެ ހަފްތާ 14 އެޖެންޑާގައި ހިމަނައިގެން ވަނީ ފަށްޓަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ އެމަސައްކަތް ޢަމަލީގޮތުން ބައްލަވާލައްވާ އަދި އެމަސައްކަތުގެ ކޮންޓްރެކްޓަރާއެކުވެސް މަސައްކަތް އަވަސްކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ.

އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫއުގެ %35.53 މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ.

ބްރިޖްގެ އަދާހަމަ:

* ބްރިޖް ތަނބުތަކުގެ ޕައިލިން މަސައްކަތުގެ %58 ނިމިފައި
* ޕައިލް ކެޕްގެ %43 މަސައްކަތް ނިމިފައި
* ޕިއަރ ކޮލަމްންސްގެ %40 ނިމިފައި
* ބްރިޖް ސުޕަރސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްގެ 24%ވަނީ ކާސްޓްކޮށް ނިމިފައި

ވަޒީރު ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުންގެންދަވާކަމަށެވެ. މިއާއެކު މިހާރު ޕްރޮޖެކްޓްގެ މަސައްކަތްތައް ތާވަލަށްވުރެ އަވަސްކޮށްފައިވާކަމަށެވެ.

"ޝެޑިއުލަށްވުރެ ކުރީގައި މަސައްކަތްތައް ދަނީ. މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޝެޑިއުލަށް ގެންދިއުމަށް. އެ އަމާޒަށް ވާސިލްވެ ކޮންޓްރެކްޓަރަށް މަސައްކަތް ރަނގަޅަށް ގެންދެވެން ފެށީމަ، މަސައްކަތުގެ ޓައިމްލައިން އަވަސްކުރަން ބުނާނަން. މިހާރު ސަމާލްކަން ދެނީ މިހާރު އޮތް ޝެޑިއުލަށް ގެންދަން." އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.