ޚަބަރު

ޢާންމު މަސްމަހަށްވުރެ އިތުރަށް 10 މެގަވޮޓުގެ ކަރަންޓު ރަމަޟާންމަހު ބޭނުންކުރޭ: ފަހުމީ


  • ކަރަންޓަށް ކުރަންޖެހޭ ހޭދަކުޑަކޮށް އިޤްތިޞާދުކުރުމަށް ވަނީ ބާރުއަޅާފައި

  • ރޯދަ މަހު 104.7 މެގަވޮޓުގެ ކަރަންޓު މީހުން ބޭނުންކުރޭ

ގްރޭޓަރ މާލޭ ސަރަޙައްދުގައި ޢާންމުކޮށް އެވްރެޖް މަހެއްގައި މީހުން ކަރަންޓު ބޭނުންކުރާ މިންވަރަށްވުރެ އިތުރަށް 10 މެގަވޮޓުގެ ކަރަންޓު ރަމަޟާން މަހު ބޭނުންކުރާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. އަދި ރަމަޟާން މަހަކީ ޢާންމު މަސްމަހަށްވުރެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު މަހެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ޢާންމުކޮށް ގްރޭޓަރ މާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުންކުރާއިރު މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް މީހުން ކަރަންޓު ބޭނުންކުރާކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާކަމަށެވެ.

ފަހުމީ ވަނީ ރަމަޟާން މަހަކީ ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި ކަރަންޓު އިޤްތިޞާދުކުރުމަށް ފަހުމީ ވަނީ އިލްތިމާސްކުރައްވާފައެވެ.


ގްރޭޓަރ މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ކުންފުންޏަކީ ސްޓެލްކޯއެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު މަހަކަށްވާތީ ސްޓެލްކޯއިން މި މަހަށް ޚާއްސަ ސަމާލުކަމެއްދެއެވެ. އަދި މިމަހު މެދުނުކެނޑި ކަރަންޓު ފޯރުކޮށްދިނުމަށްޓަކާ ސްޓެލްކޯއިން ދުރާލާ ތައްޔާރީތަކެއްވެއެވެ.

މީގެ އިތުރުން ހޫނު ގަދަވުމަކީވެސް ގިނަ ބަޔަކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ސަބަބެކެވެ. މި ހިނގާ މާރިޗު އަދި އަންނަ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށް ދާ ދުވަސްވަރުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.