ދުއްވާ މީހުންނާ ހިނގާމީހުންނަށް އުނދަގޫވާގޮތަށް މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެތެރެއިން މިމަހުގެ 13ވަނަ ދުވަހު ފެށިގެން 230އަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯކޮށްފިއެވެ.
މިމަސައްކަތަކީ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިތަކާއި ގުޅޭ ޝަކުވާތައް ޙައްލުކުރުމަށް ފުލުން ފަށާފައިވާ މަސައްކަތެކެވެ.
މި މަސައްކަތުގައި އިސްކަންދެނީ ސްކޫލްތަކާއި އާއްމު ޚިދުމަތްތައް ހޯދުމަށް ދާ ސަރަޙައްދުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމަށެވެ. ފުލުހުން ވިދާޅުވީ އިއްޔެގެ ނިޔަލަށް ޖުމްލަ 235 އުޅަނދު ފުލުހުން ނަގާ ޓޯ ކޮށްފައިވާކަމަށެވެ.
މިމަސައްކަތުގެ ތެރެއިން އެންމެ ގިނަ އުޅަނދު ނަގާފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ. އެދުވަހު 60 އުޅަނދު ޓޯ ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއުޅަނދުތައް ނަގާފައިވަނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލް ވަށައިގެންވާ މަގުތަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަންފެށުމުން މަގުތަކުގެ ތޮއްޖެހުމަށް ލުޔެއް ލިބޭނެކަމަށެވެ. މިމައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކުދި ގޯޅިތަކުގައި ޕާކުކޮށްފައި އެބަހުރި ބޮޑެތި އުޅަނދުތައް. މަގުތައް އެބަ ބްލޮކްވޭ. ހަތަރު ފުރޮޅުލީ އުޅަނދުތައް ނަގަން ފެށުމުން ވަރަށް ބޮޑު ލުޔެއް ލިބޭނެ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ވަނީ، މާލޭގައި ބޭނުން ނުކޮށް ހަލާކުވެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.
އެމަސައްކަތް ފަށާ ފުރަތަމަ 3 ހަފްތާގައި 280އަށްވުރެ ގިނަ އުޅަނދު ނަގާފައިވެއެވެ.
މިޕްރޮގްރާމްގެ މަޤުޞަދަކީ މާލޭގެ މަގުތަކަކީ ސާފު އަދި ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ފަސޭހަ ތަނަކަށް ހެދުމެވެ. އަދި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި އުޅަނދުތައް ޕާކުކުރުމުގެ މައްސަލައަށް ޙައްލެއް ގެނައުމަކީވެސް މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަޤްޞަދެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.