ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށްޓަވާނެކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިމާރާތްކުރާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުގެތެރެއިން އެންމެ އަވަހަށް ފަށާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މި މަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ މަޝްރޫޢު ޑިޒައިންކުރުމާ ގުޅޭ ބައެއް މަސައްކަތްތައް މީގެކުރިންވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް މިމަޝްރޫޢު މިހާރު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހިލޭ އެހީގެ ދަށުންކަމަށްވާތީ، ޕްރޮޖެކްޓްގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތް ކުރާނީ އެހީދިން ޗައިނާގެ އެޖެންސީގެ ފަރާތުންކަމަށެވެ. ޕްރޮޖެކްޓް ޕްލޭން ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށާއި މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
"މި މަސައްކަތް ހިލޭ އެހީގައި ކުރަން ކަނޑައަޅާފައިވާތީ މިއަހަރު ފަހުކޮޅު ޢަމަލީ މަސައްކަތް ފެށުން ޓަރގެޓަކީ. ކުރިއަށް 3-4 އަހަރުތެރޭ މާލެ އަދި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތާރު އަޅާ ރަނގަޅު ފެންވަރަށް ތަރައްޤީކުރާނަން." އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތާއެކު މާލޭގެ ފެނާއި ނަރުދަމާގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްތަވެސް ކުރިއަށްގެންދަވާނެކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދަވާނީ ސަރުކާރުގެ ބަޖެޓުންކަމަށެވެ.
މާލޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރކަމުގައި ހުންނަވައެވެ. އެގޮތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން މާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓަރމިނަލްއާއި ހަމައަށް ވަނީ ތާރު އަޅާފައެވެ. ނިމުނު ސަރުކާރުގައި މަގުގެ ބާކީ ބައިގައި ތާރު އަޅަން ޕްލްނޭކުރިނަމަވެސް ބޮޑުތަކުރުފާނު މަގުގެ އިތުރު ސަރަޙަދެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެއް ނުވެއެވެ.
ނިމުނު 2 އަހަރުތެރޭ ވަނީ މާލޭގެ އަމީނީ މަގުގައި އެއްކޮށް ތާރުއަޅާ ތަރައްޤީކޮށްފައެވެ.