ޚަބަރު

ނައިޖީރިޔާގައި ރަހީނުކޮށްފައި ތިބި 287 ދަރިވަރުން ސަލާމަތް ކޮށްފި


ނައިޖީރިޔާގެ ހަތިޔާރު އެޅި ޖަމާޢަތަކުން ރަހީނު ކޮށްފައި ތިބި 287 ދަރިވަރުންނާއި މުދައްރިސުން ސަލާމަތް ކޮށްފިއެވެ. އެ ކުދިން ސަލާމަތް ކޮށްފައި ވަނީ ނައިޖީރިޔާގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އެ ކުދިން ރަހީނު ކޮށްފައި ވަނީ ނައިޖީރިޔާގެ ހުޅަނގުއުތުރުގައި އޮންނަ ކަޑޫނާ ސްޓޭޓްގެ ކުރީގާ ކިޔާ ރަށެއްގައި ހުންނަ މަދަރުސާއަކުން މާރިޗު 7 ވަނަ ދުވަހުއެވެ.

އެ ކުދިން މިނިވަން ކުރާނީ 620,000 އެމެރިކާ ޑޮލަރު ދިނުމުން ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައިވެއެވެ. މިއީ, 2021 ވަނަ އަހަރަށް ފަހު, ނައިޖީރިޔާއިން މިހާ ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއް އެއް ފަހަރާ ރަހީނު ކޮށްފައިވާ ފުރަތަމަ ފަހަރެވެ. އެ އަހަރުގެ ހާދިސާގައި ހަތިޔާރު އެޅި ޖަމާޢަތަކުން ވަނީ ކަޑޫނާގައި ހުންނަ ހައި ސްކޫލެއްގެ 150 ދަރިވަރުން ރަހީނު ކޮށްގެން ގެންގޮސްފައެވެ.

ނައިޖީރިޔާގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އެޑްވަރޑް ބޫބާ ވިދާޅުވީ, ރަހީނު ކޮށްފައިވާ ދަރިވަރުންގެ ތެރެއިން 137 ދަރިވަރުން ފެނިފައި ވަނީ ކަޑޫނާއާ އިންވެގެން އޮންނަ ޒަމްފާރާ ސްޓޭޓުން ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 76 އަންހެން ދަރިވަރުންނާއި 61 ފިރިހެން ކުދިންނެވެ. އެ ކުދިންގެ ޞިއްޙީ ހާލަތު ދެނެގަތުމަށް, ކަޑޫނާގެ ވެރިރަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނައިޖީރިޔާގައި މި ފަދަ ކުށުގެ އަމަލެއް ފުރަތަމަ ހިންގާފައި ވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން ބޮކޯ ހަރާމް ކިޔާ ހަތިޔާރު އެޅި ޖަމާޢަތަކުންނެވެ. އެ ޖަމާޢަތުން ވަނީ, ނައިޖީރިޔާގެ އިރުއުތުރުގައި އޮންނަ ބޯނިޔޯ ސްޓޭޓްގެ ރަށެއް ކަމުގައިވާ ޗިބޯކުން 276 ދަރިވަރުން ރަހީނު ކޮށްގެން ގެންގޮސްފައެވެ. އޭގެ ތެރެއިން ބައެއް އަންހެން ކުދިން އަދިވެސް މިނިވަން ކޮށްފައެއް ނުވެއެވެ. އެ ހާދިސާއަށް ފަހު, ނައިޖީރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އެހެން ޖަމާޢަތްތަކުން ވެސް ވަނީ މަދަރުސާތަކުގެ ދަރިވަރުން ރަހީނު ކުރަން ފަށާފައެވެ.

ހަތިޔާރު އެޅި ޖަމާޢަތްތަކުން ރަހީނު ކޮށްފައިވާ އަސީރުންގެ ބަދަލުގައި އެ ޖަމާޢަތްތަކަށް ފައިސާ ދިނުމަކީ ނައިޖީރިޔާގެ ޤާނޫނުތަކުން މަނާ ކަމެކެވެ. މި ކަން ޤާނޫނެއްގެ ދަށުން މަނާ ކޮށްފައި ވަނީ ނައިޖީރިޔާގެ ކުރީގެ ސަރުކާރުން 2022ވަނަ އަހަރުއެވެ. އެ ޤާނޫނުގައިވާ ގޮތުން, އެ ފަދަ އަމަލެއް
ހިންގައިފި މީހަކު, ނުވަތަ ބަޔަކު, އަދަބެއްގެ ގޮތުން ޖަލަށް ލެވޭނެއެވެ. މިއީ, ނައިޖީރިޔާގެ ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއް ރަހީނު ކޮށްފައިވާ ފުރަތަމަ ހާދިސާއެއް ނޫނެވެ.