ޚަބަރު

ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި


  • މިތަނުން ދަތުރު ކުރާނަމަ 1 މަސް ދުވަހަށް ލައިސަންސް ހިފަހައްޓާނެ

  • ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫން

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އަނެއްކާވެސް އިލްތިމާސްކުރައްވައިފިއެވެ.

ތިލަމާލޭ ބްރިޖުގެ މަސައްކަތަށް މާލެ-ވިލިމާލެ، އަދި ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅިތަކަކީ ބަންދުކޮށްފައިވާ ކަނޑުއޮޅިތަކެކެވެ. އަދި ރައްކާތެރިކަމަށްޓަކައި މި ދެ ކަނޑުއޮޅިން ކަނޑުގައި ދުއްވާ އުޅަނދު ނުދުއްވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިންވެސް މީގެކުރިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއްކަމަށެވެ. ނަމަވެސް އެ ދެ ކަނޑުއޮޅިން އަދިވެސް އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށާއި، ވަކިން ޚާއްސަކޮށް ރިސޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތިލަމާލޭ ބްރިޖް މަޝްރޫއުއާގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްޕް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މިދެ ކަނޑުއޮޅީގައި ދަނީ މަސައްކަތް ކުރަމުންކަމަށެވެ. މި ދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން މި ދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމުގެ ފުރުޞަތު އޮވެދާނެކަމަށް ދަތުރު ފަތުރާބެހޭ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަކަށް ކަމެއް ނޫންކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ މިދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކާމެދު ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށްވެސް ވިދާޅުވެއެވެ.

އެގޮތުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މަނާކޮށްފައިވާ ސަރަހައްދަށް ވަދެފިނަމަ އެ ފަރާތެއްގެ ލައިސަންސް 1 މަސްދުވަހަށް ހިފަހައްޓާނެކަމަށްވެސް އެ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.