މެޗުން ތިން ޕޮއިންޓް ގެއްލުނީ ކުޅުންތެރިން ފަހުވަގުތު މާބޮޑަށް ފަރުވާ ކުޑަކޮށްގެންކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.
އޭއެފްސީ ކަޕްގައި އިއްޔެ މާޒިޔާ އިންޑިޔާގެ މޯހަން ބަގާންއާ ވާދަކުރިމެޗުން މޮޅުވާން ދަނިކޮށް މެޗްގެ އެންމެ ފަހުވަގުތު މޯހަން ބަގާން މެޗްގެ ނަތީޖާ ހަމަހަމަކުރީ ކުޅުންތެރިންގެ ފަރުވާކުޑަކަމުން ކަމަށާއި، މި ނަތީޖާގެ ސަބަބުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހިނިވެއްޖެކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުންޏެވެ. އަދި މެޗްގެ ކުރީބައިގައި ދެ ބަދަލެއް ކުރަން ޖެހުމުން އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކުރިކަންވެސް ސުޒޭން ފާޙަގަކުރިއެވެ.
" މެޗުން ޕޮއިންޓެއް ލިބުނީ މެޗްގެ ފަހުވަގުތު ކުޅުންތެރިން ހަމަ މާ ބޮޑަށްވެސް ފަރުވާކުޑަކުރުމުން. އެހެންނޫންނަމަ މިއީ ތިން ޕޮއިންޓް ލިބެންޖެހޭނެ މެޗެއް. މެޗުގައި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު. ހާއްސަކޮށް ފުރަތަމަ ހާފާ ދެވަނަ ހާފްގެ ބޮޑުބައެއްގައި. މި ނަތީޖާގެ ސަބަބުން ދެވަނަ ބުރުގެ ފުރުޞަތު މާޒިޔާއަށް ވަރަށް ބޮޑަށް ހަނިވެގެން މި ދިޔައީ" ސުޒޭން ބުންޏެވެ.
މޯހަން ބަގާންގެ ފޯވާރޑް ޖޭޖޭ ލާލް ޕެކްލުއާ ބުނީ މި މެޗުން ލިބުނު ޕޮއިންޓަކީ ވަރަށް އުނދަގުލުން ހޯދުނު ޕޮއިންޓެއް ކަމަށާއި، ކުރިއަށް ދެން އޮތީ ދެވަނަ ބުރުގައި ކުރަންޖެހޭ މަސައްކަތް ކަމަށެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ ދެވަނަ ބުރުގައިވެސް ނަތީޖާ ނެރެވޭނެކަމަށް ޖޭޖޭ ބުންޏެވެ.
" މި މެޗު ދިޔައީ ހީކުރިވަރަށްވުރެ ވަރުގަދަކޮށް. މެޗުން ޕޮއިންޓެއް ލިބުމުން ވަރަށް ހިތްހަމަ ޖެހިއްޖެ. ކުރިއަށް ދެން އޮތީ މުބާރާތުގައި މާ އުނދަގޫ ދިމާލެއް. ދެވަނަ ބުރުގައި ވަރަށް މަސައްކަތް ކޮށްގެން ކުރިއަށް ދެވޭނީ" ޖޭޖޭ ބުންޏެވެ.
އިއްޔެގެ މެޗުގައި މާޒިޔާގެ އަސަދުﷲ އަބުދުﷲ ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ލީޑް ނަގައިދީފައިވަނިކޮށް މެޗްގެ ނަތީޖާ މޯހަން ބަގާންއަށް ހަމަހަމަކޮށްދިނީ ޖޭޖޭއެވެ. މި ނަތިޖާގެ ސަބަބުން ދެވަނަ ބުރަށް ދިއުމަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗްގައި މިއަންނަ މަހުގެ އެގާރަވަނަ ދުވަހު މާޒިޔާ މިޔަންމާގެ ދަނޑުގައި ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކުރަން މަޖުބޫރުވާނެއެވެ. އެ މެޗުން މާޒިޔާ މޮޅުވެ ހަމަ އެދުވަހު މޯހަން ބަގާން ސައުތް ޗައިނާ ބައްދަލުކުރާ މެޗް އެއްވަރުވިއަސް މާޒިޔާއަށް ދެވަނަ ބުރުގެ ފުރުޞަތު ލިބިގެންދާނެއެވެ.