ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާގުޅިގެން، ބޯހިޔާވަހިކަމަށް އިތުރު 70 ހެކްޓަރުގެ ބިން ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުން އިޖުތިމާޢީގޮތުންނާއި އިޤްތިޞާދީގޮންތުން ބިކަވުމާއި ގުޅިފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. މި ދައުރު ނިމޭއިރު ރާއްޖޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ރައްޔިތަކު ނުހުންނާކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ހުޅުމާލެ، ގުޅިފަޅު ގިރާވަރުފަޅުގައި ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކާ އެ ބިންތަކުން ގޯތި ދޫކޮށް މީހުން އާބާދުކުރާނެކަމަށެވެ. ކުރީ ސަރުކާރުގައި ވިޔަފާރި ބަނދަރާއެކު ގުޅީފަޅު ތަރައްޤީކުރުމަށް ނިންމުމުން އެ ބިމުން 70 ހެކްޓަރުގެ ބިން ގެއްލުނުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް އެކި ސަރުކާރުތަކުގައި ކާމާގުޅޭ މާހިރުން ކުރިއަށްގެންދިޔަ ދިރާސާތަކުގައިވެސް ގްރޭޓަރ މާލެ ޒޯންގެ ޕޯޓު އެޅުމަށް ނިންމީ ތިލަފުށީގައިކަމަށެވެ. ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ގުޅިފަޅަށް ޕޯޓު ބަދަލުކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، ތިލަފުއްޓަށް ޕޯޓު މަސައްކަތް ބަދަލުކުރުމާ ގުޅިގެން، ގުޅިފަޅުން އިތުރު 70 ހެކްޓަރުގެ ބިން ބޯހިޔާވަހިކަމަށް ކަނޑައެޅިއްޖެކަމަށެވެ.
މިއާއެކު ގުޅިފަޅުން ބޯހިޔާވަހިކަމަށް 30،000 ގެދޮރު ކަނޑައެޅޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކުރިން އެ މަޝްރޫޢުގައި ހިންކަން ކަނޑައަޅާފައި އޮތީ 150 ހެކްޓަރުގެ ބިމެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެ ފަޅު އެއްކޮށް ހިއްކާ މަޝްރޫޢުއަށް އިތުރު 100 ހެކްޓަރު އިތުރުކުރެއްވުމަށް ނިންމަވާފައެވެ.
"ޕޯޓު ބަދަލުކުރީމަ 70 ހެކްޓަރު ލިބިއްޖެ. އަދި އެފަޅުގައި 20 މީޓަރަށް ފުންކޮށް އޮތް ހިސާބުވެސް އެބަ ހިއްކަން. އޭރުން އިތުރު 80 ހެކްޓަރު ބިމަށް އިތުރުވޭ. ޖުމްލަ 280 ހެކްޓަރު ހިއްކާނަން ގުޅިފަޅުން." ރައީސް ވިދާޅުވިއެވެ.
ގިރާވަރު ފަޅުވެސް ހިއްކެން އޮތް އެންމެ ބޮޑުކޮށް ހިއްކުމަށް ރައީސް ވަނީ ނިންމަވާފައެވެ. މީގެއިތުރުން 1000 ހެކްޓަރަށްވުރެ ބޮޑު "ރަސްމާލެ" ހިއްކުމުގެ މަޝްރޫޢުވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނުމަށް ފޮނުވިނަމަވެސް އިދިކޮޅު މަޖިލީހުން އެކަމަށް ހުރަސްއަޅާ މަޝްރޫޢު އުނިކުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މާލެ ރައްޔިތުން ގެދޮރުވެރިކުރުމަށް ވަކާލުކުރާ ބަޔަކު، ރަސްމާލެ މަޝްރޫޢު އުނިކުރަން ނިންމުމާއި ގުޅިގެން ރައީސް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.
ރައީސް ވަނީ ހިޔާ މަޝްރޫއިން ފްލެޓް ދޭން ނިންމާފައިވަނިކޮށް ނިމުނު ސަރުކާރުގައި އުވާލި ލިސްޓުގައި ހިމެނޭ މީހުންނަށްވެސް އެންމެ އަވަހަށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއިން ގެދޮރު ހަމަޖައްސައިދޭނަކަމަށް ވިދާޅުވެފަވެ. އަދި މިހާރު ނިމެމުންދާ 4000 ފްލެޓަށް ހޮވުނު މީހުންނަށްވެސް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސައްކަތްތައް ލަސްވަނީ އޭސީސީގެ އެންގުމަށް، ބަލަންޖެހޭ ކަންކަން ބަލަމުންދާތީކަމަށެވެ.
"ވަކި ބަޔަކަށް ފްލެޓް ދޭކަށް ނޫން ފްލެޓް ހަވާލުކުރުން ލަސްވަނީ. އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. ހުވައެއް ކޮށްގެން މިތިބީ. އިޚުލާސްތެރިވާނަން. އެ ބަލަންޖެހޭ ކަނކަން ބެލުމަށް ލަސްވަނީ. އޭސީސީގެ ނިންމުންތައް ބަލަން ޤާނުން ލާޒިމުކުރޭ ސަރުކާރަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުޅިފަޅާ ގިރާވަރު ފަޅުންވެސް މިހާތަނަށް ހިއްކާ ނިމިފައިވާ ހިސާބުތަކުން ވަރަށް އަވަހަށް ހައްގުވެރިންނަށް ބިން ދޭން ފަށާނެކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ހައުސިންގ ޕްރޮޖެކްޓްތައްވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.