ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭގޮތަށް ޤަވާޢިދު އެކުލަވާލާ ޢާންމުކޮށްފިއެވެ. މި ގަވައިދު މިހާރު ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޤުތިޞާދީ ކަންކަމަށާއި ފައިދާ ހޯދޭނެ މަސައްކަތްތައްކުރުމަށް ކައުންސިލްތަކަށް ބިން ދޫކުރުމަށް ނިންމަވާފައެވެ. މި ނިންމެވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް އިތުރަށް ބާރުވެރިކޮށް ކައުންސިލްތަކަށް ނަފާ ހޯދޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ،.
ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓްރީކުރުމުގެ ޤަވާޢިދެއް އެކުލަވާލީ ކައުންސިލްތަކަށް ބިން ދޫކުރުމަށް ރައީސް ނިންމެވުމާއެކު ކައުންސިލުން އެކި ފަރާތްތަކަށް ބިން ދޫކުރާއިރު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ކަމަށެވެ.
ޤަވާއިދުގައިވާ ގޮތުން ބިން ދޫކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނާއި ކައުންސިލްތަކުންނެވެ. ކައުންސިލްތަކުން ދޫކުރާނީ އެ ކައުންސިލެއްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ބިންތަކެވެ. ކައުންސިލްތަކުގެ އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ ބިން ދޫކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ޤަވާއިދުގައި ބުނެފައިވާގޮތުން 5 ގޮތަކަށް ބިން ދޫކުރެވޭނެއެވެ.
* ކުއްޔަށް ބިން ދިނުން
* ބިން ވިއްކުން
* ވަގުތީގޮތުން ބިން ބެލެހެއްޓުން ދޫކުރުން ނުވަތަ ހަވާލުކުރުން
* ދައުލަތުގެ ވުޒާރާތަކާ އިދާރާތަކުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ދޫކުރުން
* ކުއްޔަކާ ނުލައި ދިނުން
ޤަވާއިދުގައިވާ ގޮތުން ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑަ ކުއްޔާއި ބިން ވިއްކާ އެންމެ ކުޑަ އަގާއި، ޢާންމު ޚިދުމަތްތަކަށް ދޫކުރާ ބިންތަކުގެ އެންމެ ބޮޑު ކުއްޔާއި، ދައުލަތުގެ ބޭނުމަށް އެކަށައަޅައިފައިވާ ބިންތަކުގެ އަގު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ލޭންޑް ވެލުއޭޝަން ކޮމިޓީއަކުންނެވެ. މިއީ ސަރުކާރުގެ ބައެއް ވުޒާރާތަކާއި އިދާރާތަކުން ޖުމްލަ 9 މެންބަރުން ހިމެނޭހެން އެކުލަވާލާ ކޮމިޓީއެކެވެ.
މި ގަވާއިދުގެ ދަށުން ކައުންސިލްތަކުގެ އިޚްތިޞާދްގެ ތެރޭގައި ހިމެނޭ ބިން ކުއްޔަށް ދޫކުރަން ވާނީ ނުވަތަ ވިއްކަން ވާނީ ޢާންމުކޮށް ހުޅުވާލެވިގެން ބީލަމުގެ އުޞޫލުންކަމަށް ބުނެފައިވެއެވެ.
މި ގަވާއިދުގައި ބިން ރަޖިސްޓްރީކޮށްދިނުމާއި ރަޖިސްޓްރީ އައު ކޮށްދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުޞޫލުތައް ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށައެޅުމުން ރަޖިސްޓަރީކުރުމުގެ ބޭނުމަށް ޚާއްޞަކޮށްފައިވާ ސިއްކަ ޖެހިފައިވާ ރަޖިސްޓްރީއެއް ބިން ކުއްޔަށް ދޫކުރެވޭ ނުވަތަ ގަންނަ ފަރާތަތަށް ދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ރަޖިސްތްރީކުރުމަށް ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމެއްނަމަ ހުށައަޅާނީ ކައުންސިލަށެވެ. ކައުންސިލްގެ އިޚްތިޞާޞްގައި ނުހިމެނޭ ބިމެއްނަމަ ހުށައަޅާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށެވެ.
ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއްކުރައްވަމުންނެވެ. އެގޮތުން ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދެއް އެކުލަވާލާފައިވާއިރު، ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުގައިވާ ފަޅު ރަށްރަށް ކައުންސިލްތަކަށް ލިބޭނެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ކުރައްވަމުންނެވެ.