ސަރުކާރު ތާޢީދު ކުރާ ކެނޑިޑޭޓުންގެ ފަހަތަށްއެރުމަށް އާންމު މެންބަރުންނަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިގޮތަށް ގޮވާލައްވާފައި މިވަނީ، ރޭ މާލެ ސަރަހައްދުގައި ބޭއްވި އެ ޕާޓީގެ ސިޔާސީ ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މަދު ބައެއް ދާއިރާތަކުގައިނަމަވެސް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ނުކުރެވުމުން އަމިލަގޮތުން ކެނޑިޑޭޓުން ވާދަކުރައްވާފައިވާކަމަށެވެ.
ރައީސް ވަނީ އެގޮތަށް ކުރިމަތިލައިގެން ތިއްބެވި ބޭފުޅުންވެސް އަދި އެ ބޭފުޅުންގެ ފަހަތުގައި ތިއްބެވި ފަރާތްތައްވެސް ސަރުކާރާއި ގުޅިގެން އެއްސަފެއްގައި މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.
"މިކަން ހައްލުކޮށްދެއްވާ އަޅުގަނޑުމެންގެ ތާޢީދުއޮތް ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުން، ސަރުކާރުން ތާޢީދު ކުރާ ކެނޑިޑޭޓުންނާއި އެކީގައި ކުރިއަށް ވަޑައިގަތުމަކީ މިއަދު ޤައުމަށްޓަކައި އެބޭފުޅުންނަށް ކޮއްދެވޭނެ އެންމެ މާތްކަންތައް. މިކަން ކޮށްދެއްވުމުގައި އަޅުގަނޑު މިއެދޭ ގޮތަށް އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން ޤައުމީ މަސްލަހަތު އިސްކޮށްދެއްވުމަކީ މިއަދު ސަރުކާރަށްވެސް އެބޭފުޅުނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަންތައް. " ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޕްރައިމަރީގައި ވާދަ ކުރެއްވި ބޭފުޅުން މިގޮތަށް އަމިއްލަ ގޮތުން ކުރިމަތިލައިގެން ކުރިއަށް ވަޑައިގަތުމުން ވޯޓު ބައިބައިވެ ޕާޓީއަށް ގޮނޑި ގެއްލޭގޮތް މެދުވެރިވާކަން ފާހަގަކުރައްވައި އެގޮތަށް އެކަން ނުކުރެއްވުމަށް ވަނީ ގޮވާލައްވިއެވެ.
އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް މިހާރު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.