ޚަބަރު

ފަލަސްޠީނުގެ ޤައިދީންނަށް ރަބަރު ވަޒަނުން ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ދީފި


ޔަހޫދީ ދައުލަތުގެ ޖަލުތަކުގައި ފަލަސްޠީނުގެ ޤައިދީންގެ ގަޔަށް އަމާޒުކޮށް ރަބަރު ވަޒަން ޖަހައި ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ދީފައިވާ ކަމަށް ޔަހޫދީ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

މެޑިކަލް ރެކޯޑްތަކާއި ޤައިދީންގެ ބަޔާންތަކާ ޙަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެއް ޤައިދީއެއްގެ ގުނަވަނަކަށް ބޮޑެތި ގެއްލުންތައް ލިބި، ނަގަންޖެހިފައިވާއިރު، އެހެން ޤައިދީއެއްގެ ކަށިގަނޑު ބިނދިގެން ކުއްލި އޮޕަރޭޝަނެއް ކުރަންޖެހުނެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ކަމަށްވާ "ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިސްރާއީލް" އަދި "ޕަބްލިކް ކޮމިޓީ އަގެއިންސްޓް ޓޯޗަރ އިން އިސްރާއީލް" އިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 2023 އިން ފެށިގެން ޔަހޫދީ ދައުލަތުގެ 5 ޖަލެއްގައި މިފަދައިން ރަބަރު ވަޒަން ބޭނުންކުރުމުގެ ތަފާތު 21 ހާދިސާއެއް ވަނީ ރެކޯޑުކުރެވިފައެވެ. ތަޙުޤީޤުތަކުން ފާހަގަކުރާ ގޮތުގައި، މީގެ ގިނަ ހާދިސާތައް ހިނގާފައިވަނީ 2025 ގެ ފަހުކޮޅާއި 2026 ގެ ކުރީކޮޅުގައެވެ. އަދި މި ލާއިންސާނީ ހަމަލާތައް ދީފައިވަނީ އެއްވެސް ހަމަނުޖެހުމެއް ނުވަތަ ސަލާމަތީ ނުރައްކަލެއް ކުރިމަތިނުވާ ޙާލަތްތަކުގައި، ޤައިދީން ނިދާ ގޮޅިތަކުގައާއި، ކަސްރަތުކުރާ ގޯތިތަކުގައާއި، އަދި ޤާނޫނީ ވަކީލުންނާ ބައްދަލުކުރާ ތަންތަނުގައެވެ.

މީގެ ތެރެއިން އެންމެ ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖޫން މަހު ޔަހޫދީ ދައުލަތުގެ ދެކުނުގައި އޮންނަ ޖަލެއްގައެވެ. އެތަނުގައި ހުންނަ ސިއްޙީ މަރުކަޒުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ރަބަރު ވަޒަން ޖެހުމުގެ ސަބަބުން ޤައިދީއެއްގެ ގުނަވަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޮޕަރޭޝަނަށްފަހު އެ ގުނަވަން ވަނީ ނަގަން ޖެހިފައެވެ. އެ ޤައިދީ ދިން ބަޔާނުގައި ބުނެފައިވަނީ، ބަރަހަނާކޮށް، ބަލައިފާސްކުރުމުގެ ތެރޭގައި އޭނާއަށް އަނިޔާކުރުމަށްފަހު، ޖަލު ބަލަހައްޓާ ޚާއްސަ ފައުޖެއް އޭނާގެ ގޮޅިއަށް ވަދެ، ކުރިން އަނިޔާވެފައިވާ އުނަގަނޑަށާއި ކަކުލަށް އަމާޒުކޮށް ރަބަރު ވަޒަން ޖަހާފައިވާ ކަމަށެވެ. އަދި އޭނާގެ ގައިން ލޭ އޮހޮރެމުން ދަނިކޮށް ގާތްގަނޑަކަށް 50 މީޓަރަށް ދަމާފައި ގެންދިޔަ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، ހަމަ އެ ޖަލުގައި ޖުލައި މަހު އެހެން ޤައިދީއެއްގެ ވާތު ފައިގެ ކަށިގަނޑަށް ވަޒަނެއް އަރައި ބިނދުމުގެ ސަބަބުން ކުއްލި އޮޕަރޭޝަނެއް ކުރަންޖެހިފައިވެއެވެ. އަދި މީގެ ކުރިން ބަންދުގައި ހުރި އެހެން މީހަކު ބުނީ، އޭޕްރީލް މަހު އޭނާގެ ގަޔާ ވަރަށް ކައިރިން ރަބަރު ވަޒަން ޖެހުމަށްފަހު 15 ދުވަސް ވަންދެން އެއްވެސް ފަރުވާއެއް ނުދީ ހިފެހެއްޓި ކަމަށެވެ. އެ އަނިޔާތަކަށް ފަރުވާ ހޯދުމުގެ ފުރުޞަތު އޭނާއަށް ލިބުނީ ޖަލުން މިނިވަންވުމަށް ފަހުގައެވެ.

ޖަލުތަކާއި ބަންދު މަރުކަޒުތަކުގައި ރަބަރާއި ޕްލާސްޓިކް ވަޒަން ބޭނުންކުރުން ހުއްޓުވުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން އޮގަސްޓް މަހު އެދުނު ނަމަވެސް، ޔަހޫދީ ދައުލަތުގެ ޖަލުތައް ބަލަހައްޓާ އިދާރާއިން ވަނީ އެކަން ހުއްޓައިލަން އިންކާރުކޮށްފައެވެ.

ޕަބްލިކް ކޮމިޓީ އަގެއިންސްޓް ޓޯޗަރ އިން އިސްރާއީލުގެ ވަކީލަކު ވިދާޅުވި ގޮތުގައި، ލިބޭ އަނިޔާތަކުގެ ޝަކުވާ ހުށަހަޅައިފިނަމަ ބަދަލުހިފުމުގެ ގޮތުން އިތުރު އަނިޔާތަކެއް ދީފާނެތީ ޤައިދީން ތިބީ ނުހަނު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި މީގެ ކުރިން ހުށަހެޅުނު އެއްވެސް މައްސަލައެއްގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް އެއްވެސް ދަޢުވާއެއް އުފުލާފައެއް ނުވެއެވެ.

ޔަހޫދީ ދައުލަތުގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާކުރުމާއި، ކާބޯތަކެތިން މަހުރޫމުކޮށް ބަނޑަށް ޖެއްސުމާއި، އަދި ސިއްޙީ ގޮތުން ބޮޑެތި އިހުމާލުތައް ވުމުގެ ޢަމަލުތައް އިންތިހާއަށް އިތުރުވެފައިވާއިރު، 350 ކުޑަކުދިންނާއި 90 އަންހެނުން ހިމެނޭހެން ގާތްގަނޑަކަށް 9،350 ފަލަސްޠީނު ރައްޔިތުން މިހާރުވެސް ތިބީ އެ އަނިޔާވެރި ޖަލުތަކުގައި ބަންދުކޮށްފައެވެ.