ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، އައްޑޫ މީދޫގައި ޤާއިމުކުރި ޚާއްޞަ ނާސަރީ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ނާސަރީ ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މީދޫ ކައުންސިލުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ވަޑައިގެން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރުގެ އިތުރުން މީދޫ ކައުންސިލްގެ މެންބަރުންނާއި، އެ ރަށުގެ ދަނޑުވެރިން އަދި އުރީދޫ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ މިޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ އަދި ނުރައްކަލަށް ހުށަހެޅިފައިވާ ގަސްގަހާގެހި އަލުން އާލާކުރުމަށާއި، ރަށްރަށުގެ ފެހިކަން އިތުރުކޮށް ތިމާވެށްޓާއި މާހައުލީ ނިޒާމު ދެމެހެއްޓުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުއެވެ.
ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި، ނާސަރީ އެޅުމަށް އިތުރު 10 ރަށަކަށް މާލީ އެހީދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ. މީގެތެރެެއިން އެއް ރަށަކީ އައްޑޫ މީދޫއެވެ.
ނާސަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ސާތިރު ވިދާޅުވީ، މީދޫގައި 3.6 ހެކްޓަރުގެ ބިން ދަނޑުވެރިކަމަށް ޚާއްޞަކޮށްފައިވީ ނަމަވެސް، އެ ބިންތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވެމުން ނުދާ ކަމަށެވެ. އެހެންނަމަވެސް އަލަށް އެކުލަވާލެވުނު އުސޫލުގެ ދަށުން މިހާތަނަށް 130 ދަނޑުވެރިންނަށް ބިން ޙަވާލުކުރެވިފައިވާ ކަމަށާއި، އަންނަ ޑިސެމްބަރު މަހާ ހަމައަށް ދަނޑުވެރިކަން ނުފަށާ ފަރާތްތަކުގެ އަތުން ބިން އަނބުރާ ނަގައި އެހެން ފަރާތްތަކަށް ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސާތިރު ވިދާޅުވީ ކައުންސިލްގެ މައިގަނޑު އަމާޒަކީ މީދުއަކީ ދަނޑުވެރިކަމުގައި ނަމޫނާ އަދި ސަރުކާރުން ކަނޑައަޅާ ފުޑް ސެކިއުރިޓީގެ މުހިންމު ރަށަކަށް ހެދުން ކަމަށެވެ. އެގޮތުން 10 ބާވަތެއް މާކެޓަށް ނެރުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވަމުން، އޭނާ ވިދާޅުވީ އަލަށް ހުޅުވުނު ނާސަރީގެ ސަބަބުން ދަނޑުވެރިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި ނާސަރީއިން ދަނޑުވެރިކަމުގެ އެކި ގަސްތަކުގެ އިތުރުން އެހެނިހެން ގަސްތައްވެސް ގަންނަން ލިބޭނެކަމަށް އޭނާ ފަހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތަށްފަހު ވަޒީރު އަޙްމަދު ޝިޔާމް ވަނީ ނާސަރީ ބައްލަވާލައްވައި، މީދޫގެ ޒުވާން ދަނޑުވެރިންގެ ދަނޑުތަކަށް ޒިޔާރަތްކުރައްވާފައެވެ. މި ނާސަރީގައި އޮފީސް ބަޔަކާއި، ދަނޑުވެރިކަމަށް ބޭނުންވާ އެކި ބާވަތްތައް ވިއްކުމަށް ޚާއްޞަ ފިހާރައެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން، މި ހަރަކާތްތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސްއިން މަރާމާތުކުރި "ދަނޑުވެރިންގެ މިސްކިތް" އަލުން ހުޅުވައިފައިވާއިރު، އެ ކުންފުނީގެ "ގްރޯ ވިތު އުރީދޫ" ޕްރޮގްރާމުގެ ދަށުން މީދޫގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.