ޚަބަރު

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ޢީދަށް ހުޅުވަނީ


  • މިއީ 2015ވަނަ އަހަރު ހުޅުވި "މިއުޒިކަލް ފައުންޓެއިން"އެއް

  • ވޭތުވެދިޔަ އަހަރުތަކުގައި އޮތީ ވަރަށް ބޮޑަށް ވީރާނާވެފައި

  • މާލޭގައި ހުރި އާއްމު ތަންރަން ބޭނުންކުރެވޭ ފެންވަރަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ޢީދަށް ހުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މި މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން، އަޅާނުލުމުގެ ސަބަބުން ހަލާކުވެ ވަރަށް ބޮޑަށް ވީރާނާވެފައިކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް އެތަން އަލުން މަރާމާތުކޮށް، ކުޑަޢީދަށް ހުޅުވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ފެންއަރުވާ ވަޑާން މަރާމަތުކޮށް ތަރައްޤީކުރާނީ ބައެއް ބަދަލުތައް ގެނެސް، ކުރިން ހުރި ވަރަށްވުރެ ފުރިހަމައަށްކަމަށް އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާމަކީ 2015ވަނަ އަހަރު އޭރުގެ ސަރުކާރުން، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބިނާ ކުރި ތަނެކެވެ. މިއީ މިއުޒިކާ އެކުގައި ފެން އަރާގޮތަށް ފަރުމާކޮށްފައިވާ "މިއުޒިކަލް ފައުންޓެއިން" އެކެވެ. މިއީ ރާއްޖޭގެ ފުރަތަމަ މިއުޒިކަލް ފައުންޓެއިންވެސްމެއެވެ. މިއީ ކުޑަކުދިންނާ އާއްމުންގެވެސް ބޮޑު މަޤުބޫލުކަމެއް ލިބުނު ތަނެކެވެ. ނަމަވެސް އެއަށްފަހު މި ވޭތުވެދިޔަ އަހަރުތަކުގައި އެތަން އޮތީ ވަރަށް ބޮޑަށް ވިރާނާވެ ބޭނުން ނުކޮށެވެ. އަދި އެކަށީގެންވާ މަރާމާތެއް ކޮށްފައެއް ނުވެއެވެ.

މާލޭއަކީ ހިތްފަސޭހަތަނަކަށް ހެދުމަށްޓަކާ ސަރުކާރުން މުހިންމު ވިސްނުންފުޅުތައް ގެންގުޅުއްވާކަން ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން އާއްމުން އެއްވެއުޅެވޭގޮތަށް މާލޭގައި ހުރި ތަންތަން މަރާމާތުކޮށް، ހިތްފަސޭހަ ތަންތަނަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.