ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި ގެނައުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފިޔަވަޅުތަކެއް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ، ފަހަކަށް އައިސް ޕޯސްޓް މެދުވެރިކޮށް ޕާޓީ ޑްރަގްސް ފަދަ އެކި ބާވަތުގެ މަސްތުވާތަކެތި އެތެރެކުރާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރަން މިހާރު މަސައްކަތް ފެށިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މީގަ ނުރައްކާތެރިކަމަކީ ކޮންމެ މީހެއްގެ، ކޮންމެ ދިވެހި ރައްޔިތެއްގެ ނަމުގައި ވެސް ގެނައުމުގެ ފުރުސަތު އޮތުން. ނުބައި އައިޑީއެއްގައި ނޫނީއްޔާ ބިދޭސީއެއްގެ ނަމުގައި އޮންނަ ނަމްބަރެއް ޖަހާލައިގެން އެކަން އެބަކުރެވޭ ރެޖިސްޓަރޑް ނޫން ޕޯސްޓުގެ ތެރޭގައި. އަޅުގަނޑުމެން މިނިސްޓަރގެ އިރުޝާދުގެ ދަށުން ކަސްޓަމާއި ޕޯސްޓުގެ މަޝްވަރާގެ ތެރެއިން ރެޖިސްޓަރ ކުރެވިގެން ނޫނީ މިކަން ނުކުރެވޭނެ އިންތިޒާމުތަކަކަށް ކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް އެބަކުރެވޭ " ޝާކިރު ވިދާޅުވިއެވެ.
ފުލުހުން ވަނީ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މިކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަ އިތުރުވެފައި ވުމުން އެ މައްސަލަ ހައްލު ކުރުމަށް އެމްއޭސީއެލްއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.