ޚަބަރު

ބީއެމްއެލް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް ބަހަން ނިންމައިފި


  • ހިއްސާއަކަށް 50 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމާފައި

  • ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ވަނީ ލިބިފައި

  • މިއީ ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު

މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބަހަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި ހިއްސާއަކަށް އެންމެ ބޮޑު ފައިދާއެއް ދޭނެ އަހަރެވެ.

މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. މިގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ (ސާފު ފައިދާ) ގޮތުގައި 2.07 ބިލިއަން ރުފިޔާ ހޯދާފައެވެ.

މިއާއެކު، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށެވެ.

މިކަމާއި ގުޅޭގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރުކަމަށެވެ.

ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައި ކަމަށާއި، މިއީ ބޭންކުގެ ތާރީޚުގައިވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދުކަން ކާރލް ފާހަގަކުރެއްވިއެވެ.

"ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ." ކާރލް ވިދާޅުވިއެވެ.

ކަރލްވަނީ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދިނުމަށާއި ރާއްޖޭގެ މާލީދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާއާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް ޝުކުރު އަދާކޮށްފައެވެ.