ޚަބަރު

"ރަފަޙުގައި ތިބި މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ތައްޔާރު"


ޣައްޒާގެ ރަފަޙުގައި ތިބި ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލުމަށް, އެ ރަށަށް އެއްގަމު މަގުން އަރާނެ ތާރީޚެއް ކަނޑައަޅާފައިވާ ކަން ޔަހޫދީން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ ދަށުން ރަފަޙަށް އަރައި, ގަތުލުއާންމު ފުޅާ ކުރަން ފަށާނެ ތާރީޚެއް ކަނޑައަޅާފައިވާ ކަން ހާމަކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.

އޭނާ މި ކަން އިޢުލާނު ކޮށްފައި މި ވަނީ, ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ތިބި ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން އެ ރަށުން ފައިބަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިއީ, ރަފަޙަށް އެރުމަށް ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ޔަހޫދީ އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ހާމަކުރިއެވެ.

މި ކަމާ ގުޅޭ ގޮތުން ޖައްބާރު ނަތަންޔާހޫ ބުނީ, ރަފަޙަށް އަރައި ޢުދުވާންތައް ފުޅާކޮށް, ގަތުލުއާންމު ހިންގައި, މުސްލިމުންގެ ލޭއޮހޮރުވައިލައިގެން މެނުވީ އިސްރާއީލުގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލު ކުރެވެން ނެތް ކަމުގައެވެ. އަދި, ރަފަޙަށް ޔަހޫދީ ފައުޖުގެ ސިފައިން އަރާނެ ތާރީޚު ކަނޑައަޅާފައިވާ ކަމުގައި އޭނާ ބުނި ނަމަވެސް, އެ ތާރީޚު އިޢުލާނު ކޮށްފައެއް ނުވެއެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ރަފަޙަށް ވައިގެ މަގުން ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އޮކްޓޫބަރު 7ގައި ފެށި ޢުދުވާނުގައި ޣައްޒާގެ ހުރިހާ ރަށެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. ޢާންމުންގެ ގެދޮރާއި, މިސްކިތްތަކާއި, ހަސްފަތާލުތައް ވަނީ ބިމާ ހަމަކޮށްލާފައެވެ. މި ޢުދުވާނުގައި ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ 80 އިންސައްތަ މީހުން ގެދޮރު ނެތި ކޮށްލާފައިވާއިރު, އޭގެ ތެރެއިން 1.5 މިލިޔަން މީހުން މި ވަގުތު ތިބީ ރަފަޙުގައެވެ.

ރަފަޙަށް ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, ޔަހޫދީންނާއި ޣައްޒާގެ މުޖާހިދުންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލަން މިޞްރުގެ ވެރިރަށް ޤާހިރާގައި މިހާރު ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރުން ގުޅިގެންނެވެ.

ޢުދުވާންތައް ހުއްޓައިލުމާ ގުޅޭ ގޮތުން ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމަށް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ދެކޮޅު ހަދާފައެވެ. "[ޒަޔަނިސްޓު] އިސްރާއީލުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް އަޅުގަނޑުމެން ވާނީ ނޫނެކޭ ބުނެފައި. [ޙަމާސްގެ] އިސް އޮފިޝަލުން ވަނީ ބައްދަލުކޮށް, މި ކަމާ ގުޅޭ ގޮތުން ގޮތް ނިންމާފައި،" އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަލީ ބަރަކާ ވިދާޅުވިއެވެ. މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމުގައި ވެސް ޙަމާސުން ބުނެއެވެ.

"[އިސްރާއީލުގެ] އިސްތިޢުމާރީ ފައުޖުގެ ސިޔާސަތު ބަދަލު ކޮށްފައެއް ނުވޭ. އެހެންވީމަ, ޤާހިރާގައި ކުރަމުންދާ މަޝްވަރާތަކުގައި އެއްވެސް އައު ނިންމުމެއް ނިންމާފައެއް ނެތް. އެއްވެސް ކުރިއެރުމެއް ނެތް،" ބަރަކާ ވިދާޅުވިއެވެ. ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމުގެ ތަފުސީލު އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ހަ މަސްދުވަސް ކުރިން ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 33,207އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދިފަހުން ވިދާޅުވިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,933އަށް އުފުލިފައެވެ.