ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިން ސަޤާފީ ހަރަކާތްތަކާއެކު ކުލަގަދަކޮށް ޢީދު ފާހަގަކޮށްފި


  • ފިޠުރު ޢީދުގެ ހަރަކާތްތައް ފެށީ މޯލްޑިވްސް ސެންޓަރުގައި ބޭއްވި ޢީދުގެ ބޮޑު ޖަމާޢަތުން

  • ސަޤާފީ ހަރަކާތްތަކުގައި ގިނަ ދިވެހި ޢާއިލާ ބައިވެރިވި

އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދިވެހިން ބައިވެރިވެގެން ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރުގެ ޓާފް ދަނޑުގައި ބޭއްވި ޢީދު ނަމާދުގެ ބޮޑު ޖަމަޢާތުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ޢީދު ނަމާދަށްފަހު ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމު ކުރި ސައިފޮދެއްވެސް އޮތެވެ. މި ސައިފޮދުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.

މީގެއިތުރުން ސްރީލަންކާގައި ދިރިއުޅޭ އާއިލާތަކުގެ ކުޑަކުދިންނަށް އަމާޒު ކޮށްގެން ދިވެހި ސަގާފީ ކުޅިވަރުތަކުގެ ޚާއްޞަ ހަރަކާތްތަކެއްވެސް ޢީދު ދުވަހު ހަވީރު ވަނީ ބާއްވާފައެވެ. ލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ބޭއްވި މި ހަރަކާތްތަކުގައި ލަންކާއި ދިރިއުޅޭ ދިވެހި ގިނަ ޢާއިލާތަކުން ވަނީ ބައިވެރިވެފައެވެ.

ސްރީލަންކާގައި މިއަހަރުގެ ރޯދަމަހުވެސް ވަނީ ދިވެހި ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަކާއި މަދަޙަ މުބާރާތާއި ފުޓްސަލް މުބާތާތް ފާހަގަ ކޮށްލެވެއެވެ.