ޚަބަރު

ވީއައިއޭ މާސްޓަރ ޕްލޭން؛ މުޅި ރާއްޖެ ބަދަލުކޮށްލާނެ ބޮޑު މަޝްރޫޢެއް


  • ޚާއްސަ އޮފީހެއްގެ ދަށުން ޚިދުމަތް ފެށިތާ 58 އަހަރު ވަނީ ފުރިފައި

  • މާސްޓަރ ޕްލޭންގެދަށުން 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދޭ ގޮތަށް ތަރައްޤީކުރާނެ

  • އެއަރޕޯޓް އިކޮނޮމިކް ޒޯނާއެކު އާމްދަނީ ވަންނާނެ އައު ދޮރުތަކެއް ހުޅުވޭނެ

ރާއްޖޭގައި ވައިގެ ދަތުރުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 19 އޮކްޓޯބަރު 1960ގައެވެ. މައި ވައިގެ ބަނދަރު "ހުޅުލެ އެއަރޕޯޓް"ގެ ޚިދުމަތް ޚާއްސަ އޮފީހެއްގެ ދަށުން ދޭންފެށީ 12 އޭޕްރީލް 1966ގައެވެ. މި ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފެށިތާ މިއަދު ފުރެނީ 58 އަހަރެވެ. މި ދިގު މާޒީގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. އަދި މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް އައު ސަރުކާރުގެ ބޮޑު ތަޞައްވުރު ވަނީ އިޢުލާންކޮށްފައެވެ.

ޒަމާނީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މިއަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ވަނީ އެއަރޕޯޓް ޑިވެލޮޕްކުރުމުގެ 20 އަހަރުގެ މާސްޓަރ ޕްލޭނެއް އިފްތިތާޙުކޮށްފައެވެ. މިއީ އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކެޕޭސިޓީއެވެ.

ހުޅުލެ އެއަރޕޯޓް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ގޮތުގައި ފުރަތަމަ ޚިދުމަތް ފެށީ 1981ގައެވެ. ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ވައިގެބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ހިންގުމުގެ ބޮޑު ބުރަ މަސައްކަތް ކުރަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިންނެވެ. އެމްއޭސީއެލްގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދާ މަސައްކަތް ފެށީ 1 އޮގަސްޓް 2000ގައެވެ.

މިހާތަނަށް އައިރު ވީއައިއޭގެ ތަރައްޤީއަށް މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގާފައިވެއެވެ. އެގޮތުން ދުނިޔޭގައި ދަތުރުކުރާ އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭ 3400 މީޓަރުގެ ކޯޑް-އެފް ރަންވޭ 2018ވަނަ އަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ.

އައު ފިއުލް ފަރމާއެކު އޭޕްރަންގައި ބާއްވައިގެން ބޯޓުތަކަށް ފަސޭހައިން ތެޔޮ އެޅޭގޮތަށް ފިއުލް ހައިޑްރަންޓް ބަހައްޓާ އަވަސް ޚިދުމަތް އަންނަނީ ދެމުންނެވެ. މީގެއިތުރުން ވީއައިއޭގެ އައު ސީއައިޕީ/ވީއައިޕީ ބިލްޑިންގުންވެސް ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

މިހާރު ސަރުކާރުން އެންމެ އިސްކަން ދެއްވައިގެން ކުރަމުންދަނީ ވީއައިއޭގެ އައު ފަސިންޖަރ ޓަރމިނަލް އަވަހަށް ނިންމާ ޚިދުމަތް ފެށުމުގެ މަސައްކަތެވެ. މި ޕްރޮޖެކްޓް ނުނިމި ދިގުލައިގެން ދިއުމަކީ އިޤްތިޞާދީ ބޮޑު ގެއްލުމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި މަޝްރޫޢު ނިންމާ ޚިދުމަތް ފެށުމަކީ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދެއްވާ މަޝްރޫއެވެ. 78000 އަކަމީޓަރުގެ މި ބޮޑު ޓަރމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލެކެވެ. މިޕްރޮޖެކްޓްގައި އެއިރޯ ބޯޑިންއާއި ސްޓޭޓް އޮފް ދި އަރޓް ބެގޭޖް ހޭންޑްލިން ސިސްޓަމް ޤާއިމުކުރާނެއެވެ. މިއާއެކު ޚިދުމަތްތައް އަވަސްވެ އެއަރލައިންތަކާއި ފަސިންޖަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވާނެކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

"އައު ޓަރމިނަލްގައި މިއަންނަނީ ބެގޭޖް ހޭންޑްލިންގ ސިސްޓަމް. މީގެ ސަބަބުން ބެގޭޖް އޮޓޮމެޓިކަލީ ޓެގްކޮށްފައި، ސޯޓްކޮށްފައި، ކޮން އެއަރލައިނަކަށް ކޮން ބެގޭޖެއްކަން ދާނީ ބަލާފައި، ސެކިއުރިޓީ ބޭފުޅުން ފަހަތުގައި ތިއްބަވައިގެން ސެކިއުރިޓީ ސްކްރީންކުރައްވާފައި ހުރިހާކަމެއް ކުރާނީ. ފަސިންޖަރުންނަށް ވާ ދަތިތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ. ގާތްގަނޑަކަށް ނެތިގެންދާނެ މިހާރުގެ ޙާލަތުން ވިއްޔާ. އެހެންވީމަ އައު ޓަރމިނަލްގައި ވަރަށް ބައިވަރު އަދި މިއަށްވުރެވެސް އިތުރު ފަސޭހަތަކެއް އަންނަ އަދި ފުރާ ފަސިންޖަރުންނަށް ހުންނާނެ" އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަރ ޕްލޭނެއް މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙުކުރައްވާފައެވެ. މި ޕްރޮޖެކްޓާއެކު އަހަރަކު 25 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީގެ އެއަރޕޯޓެއްގެ ގޮތުގައި ވީއައިއޭ ތަރައްޤީކުރެވޭނެއެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީއެވެ.

އަދި މިހާރު ގަޑިއަކު 300 މީހުންނަށް ޚިދުމަތް ދެވޭ ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލް، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދޭ ޓަރމިނަލެއްގެ ގޮތުގައި ތަރައްޤީކުރާނެއެވެ.

އެއަރޕޯޓްގައި މިހާރު އެއްފަހަރާ ފްލައިޓް ޕާކުކުރެވޭ ކެޕޭސިޓީ އަކީ 34އެވެ. ނަމަވެސް އައު ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއެކު 73 އެއަރކްރާފްޓް އެއްފަހަރާ ޕާކުކޮށްފައި ބޭއްވޭނެއެވެ. މިއާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް ބޮޑުތަނުން އިތުރުކުރެވޭނެއެވެ.

މީގެއިތުރުން ޖެޓްތަކަށް ޚިދުމަތްދޭ ޚާއްސަ ޓާމިނަލަކާއި، ލޯ-ކޮސްޓް ކެރިއަރތަކަށް ޚާއްސަ ޓާމިނަލެއްވެސް ހުންނާނެއެވެ.

މި ޕްރޮޖެކްޓާ ގުޅުވައިގެން ހިންގޭ އެންމެ ބޮޑު މަސައްކަތަކީ އެއަރޕޯޓް ކައިރީ އޮތް ފުނަދޫގައި ތަރައްޤީކުރަން ނިންމާފައިވާ އެއަރޕޯޓް އިކޮނޮމިކް ޒޯނެވެ.

"އޭގެ ތެރޭގައި އަޅުގަނޑުމެންގެ ވެލާނާ އެއަރޕޯޓަކީ މިސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އެއަރޕޯޓަކަށް ބަދަލުވެގެންދާނެ. މިތަނަށް ފަސިންޖަރުން އަންނާނީކީ އޭރުން ހަމައެކަނި ޑެސްޓިނޭޝަނަކަށްދާ ޓްރާންސިޓް ޕޮއިންޓަކަށް ނޫން. މިތަން އެކްސްޕީރިއަންސްކުރަން އަންނާނެ ފަސިންޖަރުން ދުނިޔޭގެ އެތަން މިތަނުގައި ތިބޭނެ. މިއާއި ގުޅިފައިވާ ފްރީޒޯނާއި (އިކޮނޮމިކް ފްރީ ޒޯން) ނުނީ ޝޮޕިން، މިކަހަލަ ބައިވަރު އެކްސްޕީރިއަންސްތަކެއް ހިމެނޭނެ." އެމްއޭސީލްގެ މެނޭޖިން ޑިރެކްޓަރ ޝަރީފް ވިދާޅުވިއެވެ.

މި އިކޮނޮމިކް ޒޯނަކީ އެއަރޕޯޓަށް އަންނަ ފަސިންޖަރުންނަށް ޓްރާންސިޓްް ހޮޓެލްތަކާއި، ޝޮޕިންގ ސެންޓަރުތަކާއި، ކޮންވެންޝަން ސެންޓަރަކާއި، އެންޓަރޓެއިންމަންޓް ކޮމްޕްލެކްސް އަދި ކެއިން ބުއިމާއި، ދަތުރުވެރިން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ޖާގަތަކާއެކު ތަރައްޤީކުރެވޭ މުހިންމު ސެންޓަރެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ޕްރޮޖެކްޓާއި އެކީ ދިވެހިންނަށް ވިޔަފާރިއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މިހާރު ކުރިޔަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ދިވެހިންގެ ފަޚުރުވެރި އެއަރޕޯޓު މުޅިން އައު އެއަރޕޯޓަކަށް ވެގެންދާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

މިއީ މަލްޓިމިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. މުޅި ރާއްޖެ ބަދަލުކޮށްލާނެ ބޮޑު މަޝްރޫޢެކެވެ.