ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިމޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ދުވެލި" ޕްރޮގްރާމުގައި މި ޕްރޮޖެކްޓްގެ މަޢުލޫމާތު ޙިއްސާކުރައްވަމުންނެވެ.
ހަނިމާދޫ އެއަރޕޯޓްގެ އައު ރަންވޭގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީމަހުއެވެ. މި މަޝްރޫޢުއަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ރީ-ޑިވެލޮޕްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެވެ. މި ޕްރޮޖެކްޓްގައި އެންމެ ފުރަތަމަ ފެށީވެސް ރަންވޭގެ މަސައްކަތެވެ.
އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. އަލަށް ތަރައްޤީކުރާ ރަންވޭއާ ކުރީގެ ރަންވޭ އޮތް ސަރަޙައްދުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން، އައު ރަންވޭގެ ފުރަތަމަ ފޭސްގައި 1200 މީޓަރުގެ ސަރަޙައްދު ތަރައްޤީކޮށް، އެ ބައި ބޭނުންކުރަން ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެއަރކްރާފްޓް ޖެއްސުމަށް ކުރީގެ ރަންވޭ ބޭނުންކުރުން މިހާރު ވަނީ މުޅިން ހުއްޓާލާފައެވެ.
ރީޖަނަލް އެއަރޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ، ފުރަތަމަ ފޭސްގައި 1400 މީޓަރުގެ ކޮންސްޓްރަކްޝަން މުޅިން ނިންމާފައިވާކަމަށެވެ.
ދެން ހިމެނޭ 600އެއްހާ މީޓަރުގެ ސަރަޙައްދުގައި މިހާރު ކުރަމުންދަނީ އެންމެ ފަހުގެ ތާރު ފަށަލަތަށް އެޅުމުގެ މަސައްކަތްކަމަށް މުބީން ވިދާޅުވިއެވެ. މުބީން ވިދާޅުވީ ދެން ކުރިއަށްދާނީ މިހާރު ހުޅުވާލާފައިވާ ބަޔާއި އަލަށް މިހާރު ތާރު އަޅަމުންދާ ސަރަޙައްދު ގުޅާލުންކަމަށެވެ.
"ދެ ފޭސްއަކަށް މި ގެންދިޔައީ. ތާރުގެ މަސައްކަތް މުޅިން ނިމުމުން މި ދެ ބައި ގުޅާލުން ދެން ކުރިއަށްދާނީ. މަހެއްހާ ދުވަހުން މުޅި މަޝްރޫޢު ނިމޭނެ. އޭރުން 2400 މީޓަރުގެ ރަންވޭއެއް ލިބިގެންދާނެ." ރީޖަނަލް އެއަރޕޮޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަނިމާދޫ ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެއީ ސަރުކާރުން އެ ސަރަޙައްދުގެ ފަތުރުވެރިކަމަށް އިތުރުކުރެއްވުމަށް ނިންމާފައިވާ 9000 އެނދާއެކު، އެ ބަދަލަށް ޚިދުމަތް ދެވޭވަރަށް އެއަރޕޯޠް ތަރައްޤީކުރަން ބޭނުންވާތީއެވެ.
މުބީން ވިދާޅުވީ، މިހާރުގެ ރަންވޭއަކީ 150 މީހުންގެ އެއަރކްރާފްޓްތައް ޖެއްސޭ ފެންވަރުގެ ރަންވޭއެއްކަމަށެވެ. ނަމަވެސް ރަންވޭ ބޮޑުކުރުމުން 250-300 މީހުން އުފުލޭ ބޮޑެތި އެއަރކްރާފްޓްތައް ޖެއްސޭ ފެންވަރަށް ގެނެވޭނެކަމަށެވެ. މިފަދަ ބޮޑު މަޝްރޫޢުއެއްގެ މަންފާ ސަރަހައްދަށް ފުރިހަމައަށް ލިބޭނީ އޭރުންކަމަށް މުބީން ވިދާޅުވިއެވެ.
"ޕްރޮޖެކްޓް ފީސިބަލްވާނީ ރަންވޭ ބޮޑުކުރީމަ. އޭރުން ހާސްކަމެއް ނެތި ބޯޓުތައް ޖެއްސޭނެ. އުތުރުގެ ހަބެއްގެ ގޮތުގައި ހަނިމާދޫ ބަދަލުވެގެންދާނީ. މިހާރުގެ ޕްރޮޖެކްޓުން ބޭރުން، ގެންދާ އައު މަޝްރޫޢުއަކަށް އެ ޕްރޮޖެކްޓްވާނީ." މުބީން ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މިހާރު ހުޅުވާފައިވާ ބައިވެސް ތަރައްޤީކޮށްފައިވަނީ ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މިއެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.