ޚަބަރު

އެމްޑީޕީގެ ރޫހު ހުރީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ބަދަލުހިފުމަށް: ޕީޕީއެމް/ޕީއެންސީ


  • އެމްޑީޕީން ރައްޔިތުންގެ ފައިދާއަށް މަސައްކަތް ނުކުރާކަމަށް

  • އެޖެންޑާ 19ގެ ނަމުގައިވެސް ފައިދާހުރި ކަމެއް ނުކުރިކަމަށް

  • އެމްޑީޕީން އެންޓި-ކެމްޕެއިން ކުރާކަަމަށް ތުހުމަތުކުރެއްވި

ޤައުމެއްގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރަން މަޖިލީހަށް އަންނަން އުޅޭބައެއް މިފެންނަނީ އަލަށްކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

އިދިކޮޅު އެމްޑީޕީގެ އެޑުވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވަނީ އެމްޑީޕީއަށް އަޣުލުބިއްޔަތު ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރާނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

މިކަމަށް ރައްދުދެއްވާ މަޖިލިސް އިންތިޚާބަށް ޕީޕީއެމް/ޕީއެންސީން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ވިސްނުމުގެ ބަދަލުގައި، އިދިކޮޅު އެމްޑީޕީގެ ވިސްނުން ހުރީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ބަދަލުހިފުމަށްކަމަށެވެ. އަދި، މިކަންކަން މިހާރު އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ދައްކާ ވާހަކަތަކުން ވަރަށް ސާފުކޮށް ފެންނަމުންދާކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން، އެމްޑީޕީން އެޖެންޑާ 20 ގެނައުމުގެ އެންމެ ބޮޑު މަޤްސަދަކީ ވެސް އެއީ ކަމަށް ހީނާ ވަނީ ތުހުމަތުކުރެއްވިއެވެ. ހީނާ ވިދާޅުވީ، އެމްޑީޕީން ދައްކަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއްކަމަށެވެ.

ހީނާ ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ނަމުގައި އެޖެންޑާ 19 އުފައްދާ، އެ އެޖެންޑާއިންވެސް ރައްޔިތުން ކަންބޮޑުވާ އެއްވެސް ކަމަކަށް ޙައްލެއް ގެނެސްދެވިފައިނުވާކަމަށްށެވެ.

"ކޮބައިތޯ ރައްޔިތުން؟، ކޮބައިތޯ މުޅި ޤައުމު؟، ކޮބައިތޯ ރައްޔިތުންނަށް އެބޭފުޅުން ކޮށްދެއްވަން ބޭނުންފުޅުވާކަމަކީ؟، ކޮބައިތޯ ފެނަކައިން ނެގި އެއް ބިލިއަން ރުފިޔާ؟، ކޮބައިތޯ ވިއްކާލި ކަނޑު؟، ކޮބައިތޯ ވިއްކާލި ޤައުމުގެ މިނިވަންކަމާއި ޤައުމުގެ ސިޔާދަތު؟، ކޮބައިތޯ އެބޭފުޅުންނަށް ކުރެއްވުނު މަސައްކަތަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި؟ އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ ހަގީގަތުގަ ޤައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަކަށް ނޫނޭ އެބޭފުޅުން ރައްޔިތުންގެ މަޖިލީހަށް އަންނަން މަސައްކަތްކުރަނީކީ. އެކަން އަޅުގަނޑުމެނަކަށް ފެންނާކަށް ނެތް. އެމީހުންގެ ސިޔާސަތުތަކެއް އެ މީހުންގެ މެނިފެސްޓޯތަކެއް ފެންނާކަށް ނެތް." ހީނާ ވަލީދު ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތީ ކޮރަޕްޝަންގެ އަނދަވަޅެއްގައި ކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ މިހާރު މަސައްކަތްކުރައްވަނީ، މި ޤައުމު ހަމައަކަށް އެޅުވުމަށްކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ އިދިކޮޅު ފަރާތްތަކުން ކުރައްވާ އެންޓި-ކެމްޕެއިން އާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެބޭފުޅުން ކެމްޕެއިން ކުރައްވަނީ އިންތިޚާބާއި ބެހޭ ޤާނޫނާއި ޚިލާފު ނުވާ މިންގަނޑެއްގެ ތެރޭގައިތޯ ބަލާ ކަށަވަރު ކުރުމަށް ހީނާ ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.