އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ބްލޫ ޓައިޑް 2024" ގައި ހަރަކާތްތެރިވާ ފުލުހުން ރަށްރަށަށް ފުރަން ފަށައިފިއެވެ.
މިއޮޕަރޭޝަނަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އިންތިޚާބު ނިމުމާއި ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި، މި މަސައްކަތުގައި ރަށްރަށަށް އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެކަންވެސް ކުރެވޭނެ ނިޒާމެއް ޤާއިމްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، ހުރިހާ ރީޖަނެއްގައި ވަނީ ފުލުހުންގެ ޓީމެއް ޤާއިމްކޮށްފައެވެ.
މިއޮޕަރޭޝަންގެ ދަށުން އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ފުރާފައެވެ. އަދި، ރޭ ފަތިހު އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުންވަނީ ފުރާފައެވެ.
އިންތިޚާބާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްއެވެ.