ޚަބަރު

ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފަށައިފި


  • ދެވަނަ ފިޔަވަހީގައި 3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރޭ

  • މިއީ 32.9 މިލިއަން ރުފިޔާގެ މަޝްރޫޢެއް

  • މަސައްކަތް ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު

ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް، ޢަމަލީ މަސައްކަތް ފަށާފައެވެ.
މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. މަސައްކަތް އަމަލީގޮތުން ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އާއި އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދުއެވެ.

ޕްރޮޖެކްޓްގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޙަސަން މުޣުނީ ވިޒާޅުވީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގައި ރަށުގެ 3 ކިލޯމިޓަރު މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޕްރޮޖެކްޓްވެސް ކުރިއަށްގެންދާނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށްގެންދިޔަ ފެންވަރަށް، އެންމެ ޒަމާނީކޮށްކަމަށް މުޣުނީ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގައި މަގުގައި ފެން ހިންދާ ނިޒާމު ހެދުމާ މަގުބައްތި ޖަހާ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުން ހިމެނެއެވެ. މި މަޝްރޫޢަށް 32.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވާއިރު އެއީ ރަށުގެ 11 މަގެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިއެވެ.

ހޯރަފުއްޓަކީ ހއ.އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. ރަށުގެ އާބާބީ 3000އަށްވުރެ އިތުރެވެ.