ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ޤާނުނުގެ ދަށުން ހުއްދަދިން ފުރަތަމަ މަޝްރޫޢުގެ ގޮތުގައި ރާއްޖޭގައި 150 މެގަވޮޓްގެ އަވިން ހަކަރަ އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ކެނެޑާގެ ކުންފުންޏަކަށް ދީފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެދަށުން އުފްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓް، ސްޕެޝަލް އިކޮނޮމިކް ޒޯންއިން ހުއްދަ ދީގެންނެވެ.
މަޝްރޫޢު ހަވާލުކޮށްފައިވަނީ ކެނެޑާގެ އެބްރަޒަސް ޕަވާ ކޯޕް ކުންފުންޏާއެވެ. އަދި އެކުންފުންޏާއި ގުޅިގެން މަސައްކަތްކުރާނީ ސަން-ގްރޯ ޕަވަރ ސަޕްލައި ކޯ ލިމިޓެޑް ކިޔާ ކުންފުންޏެކެވެ.
މި މަޝްރޫޢޫގައި ތަރައްޤީކުރަނީ 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޯލްޓައިކް(ޕީވީ) ނިޒާމެކެވެ. އެއީ މޫދުގައި ނުވަތަ ކަނޑުގެ ސަތަހައިގައި، ފެނުންމަތީގައި ބަހަޓާ އަވިން ހަކަތަ އުފައްދާ ނިޒާމެކެވެ. މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ ގްރޭޓަރ މާލެ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދިނުމަށްކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
މި މަޝްރޫޢުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ބެހެއްޓުމާއި ބެޓެރި ސިސްޓަމް އަދި މި ނިޒާމު ރަށްތަކާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެޝަން ވިއުގަ ޤާއިމުކުރާނެއެވެ. މި އެއްބަސްވުމުގެދަށުން، އެންމެ ފުރަތަމަ ކުރާނީ މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ހެދުމަށާ، ތަފްސީލީ ކުރެހުންތަކާ ސްކޯޕް ތައްޔާރުކުރުމުގެ މަސައްކަތެވެ.
ރާއްޖޭގައި ފޯރުކޮށްދޭ ކަރަންޓުގެ %33އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު މިކަން އިޢުލާނުކުރެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޔޫއޭއީގައި ކުރިއަށްގެންދިޔަ ކޮޕް28 ސަމިޓްގައި ދިވެހިރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައެވެ.
ރައީސް ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގައި ޤާއިމުކޮށްފައިވާ އިއާދަކުރަނިވި ހަކަތައިގެ މިންވަރަކީ %4ކަމަށާއި، އާމާޒަކީ 2028ވަނަ އަހަރު ނިމޭއިރު މި މިންވަރު %33އަށް އިތުރުކުރުންކަމަށެވެ.
މި މަސައްކަތަށް މަދުވެގެން 600 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ޢަމާޒުގެ ބޭނުމަކީ ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހިގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމެވެ.