ޚަބަރު

ޒަމާނީ ކޮންޓްރޯލް ޓެކްސީ ލައިނެއް އުފައްދަނީ


  • މި މަސައްކަތުގައި ބޭނުން ކުރާނީ ބެޓްރީ ޓެކްސީ

  • މިހާރު ވަނީ ޕޯޓަލެއް ހެދި ސްކޭން ޔުނިޓެއްވެސް ހަދާފައި

ފުރިހަމަ ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޒަމާނީ ކޮންޓްރޯލް ޓެކްސީ ލައިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާގުޅޭގޮތުން ސީދާ ވަޒީރުންނަށް ސުވާލުކުރެވޭގޮތަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަހާ ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެއެވެ.

"އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފާ ފީއަށް ވުރެއް ބޮޑުކޮށް ޓެކްސީތަކުން ފީ ނަގަމުންދާތީ އެކަން ހައްލުކުރުމަށް އެ ވުޒާރާއިން އެއްވެސް މަސައްކަތްތަކެއް ކުރައްވަމުންދޭތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ޓެކްސީތަކުން ކަނޑައަޅައިފައިވާ އަގަށްވުރެ އިތުރަށް ފީ ނަގާކަމުގެ ކަންބޮޑުވުމާއި ޝަކުވާ އެ ވުޒާރާއަށްވެސް ހުށަހެޅޭކަމަށެވެ. އަދި މި މައްސަލައަކީ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ޓެކްސީގެ ޚިދުމަތުގެ މައްސަލަ ހައްލު ގެންނައުމަށް ޒަމާނީ ޓެކްސީ ލައިނެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޓެކްސީ ލައިން ވެގެން ދާނީ އާރުޓީއެލް ފަދަ ޚިދުމަތަކަށް ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ. މި މަސައްކަތަކީ ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފައިވާ މަސައްކަތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިކަންތައް ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ކޮންޓްރޯލް ޓެކްސީ ލައިންއެއް އުފެއްދުމުގެ މަސައްކަތް ފެށިފައި މިއޮތީ. އެއީ ކެބިނެޓުން ނިންމަވައިގެން. މިއީ ޒަމާނަށް ފެތޭ ފަސިންޖަރުންނަށްވެސް އިތުބާރު ކުރެވޭ ކަމަކަށްވާނެ. އަޅުގަނޑުމެން އާރްޓީއެލްގެ ނިޒާމުގައި ބަސް ދުއްވާގޮތަށް، ޓެކްސީލައިނެއް ހެދިގެން ދިޔުމުން މި ގޮތަށް ދިގުލާފައިއޮތް މައްސަލަތައް ހައްލުވެގެން ދާނެކަމަށް ޤަބޫލުކުރެވޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މިހާރު މި މަސައްކަތް ކުރުމަށް ޕޯޓަލެއްވެސް އުފައްދާއި ސްކޭން ޔުނިޓެއްވެސް ހެދިފައިވާކަމަށެވެ.

މި ތަޢާރަފްކުރެވޭ ޓެކްސީ ލައިނުގައި މިހާރުވެސް ޓެކްސީ ކުރާ ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ. އަދި މި ޓެކްސީ ލައިން ވެގެންދާނީ މި ޒަމާނަށާއި މި މާހައުލަށް ފެތޭ ޓެކްސީ ލައިނަކަށް ކަމަށެވެ. އެގޮތުން މި މަސައްކަތުގައި ބޭނުން ކުރާނީ ފިއުލްގެ ބަދަލުގައި ބެޓްރީ ޓެކްސީކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.