މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ޤައުމުތައް ގުޅިގެން މަޝްވަރާކުރުން ވަރަށް މުހިންމުކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤައުމުތަކުން އެކުލަވާލާ ތިމާވެށީގެ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން އިތުރަށް ތަރައްޤީކުރުމަށް މުހިންމު ޚިޔާލާ މަޝްވަރާ ހޯދުމަށް ކޯލިޝަން އޮފް ލޯ-ލައިންގް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް، ކޭންސީސީގައި ހިމެނޭ 5 ޤައުމު ގުޅިގެން މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ފަށާފައެވެ. މިއީ 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
މި މަޝްވަރާ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވީ ދުނިޔެ ހޫނުވުމުން ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ތިމާވެށީގެ ގޮތުންކުރާ ނޭދެވޭ އަސަރުތަކުން ރައްކާވެ ތިބުމަށް ޤައުމުތައް ގުޅިގެން މަޝްވަރާކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި މިފަދަ މަޝްވަރާ ބައްދަލުވުންތަކަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ކުރެވޭނެ ވަރަށް މުހިންމު ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ
ވަޒީރު ވަނީ ތިމާވެށީގެ ގޮތުން ރާއްޖެއަށްދަނީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރަށް ގިރުމާއި ގިނަ ދުވަސްތަކެއް ވަންދެން ވިއްސާރަނުވެ އޮތުމާއި ގަދަޔަށް ވިއްސާރަކުރުމުގެ ސަބަބުން ފެން ބޮޑުވުންފަދަ ކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މި މަޝްވަރާ ބައްދަލުވުމުގެ ސަބަބުން ތިމާވެށީގެ ގޮތުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް މުހިންމު ޚިޔާލާއި މަޝްވަރާ ލިބޭނެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް ކަންކަން ދަސްވެ، އެ ޤައުމެއްގެ ޕްލޭން އެކުލަވާލާއިރު ހިމެނިދާނެ މުހިންމު ނުކުތާތައް މި މަޝްވަރާތަކުގެ ސަބަބުން އެނގޭނެ." ވަޒީރު ވިދާޅުވިއެވެ.
ކޭންސީސީގައި 35 ޤައުމު ހިމެނެއެވެ. މި ޤައުމުތަކުގެ ތެރެއިން ރާއްޖޭގައި ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވަނީ ދިވެހިރާއްޖޭގެ އިތުރުން ޓޮކަލައުއާއި، ޓުވަލޫއާއި، ކިރިބާސްއާއި، ރިޕަބްލިކް އޮފް މާޝަލް އައިލެންޑްސްއެވެ.
ކޭންސީސީގެ ޗެއަރމަންކުރާ ޤައުމަށް މިދިޔަ އަހަރު ރާއްޖެ ވެފައިވާއިރު މި މަޝްވަރާ ބައްދަލުވުމަކީ ރާއްޖެއިން ޗެއަރކުރާގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. އަދި މިފަހަރުގެ ބައްދަލުވުން ޚާއްސަކޮށްފައިވަނީ ގޮނޑުދޮށަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުންނެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ޤައުމުތަކުގެ މެދުގައި މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކާއި ލިބޭ ފުރުސަތުތަކާމެދު ވާހަކަދެކެވި، އަތޮޅުތަކަށް ދިމާވާ މޫސުމީ އެކި މައްސަލަތައް ހައްލު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށެވެ. އަދި މަޝްވަރާ ބައްދަލުވުމުގެ ސަބަބުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި ރައްކާވެތިބުމަށް ކުރެވިދާނެ ކަންކަން އެއް ޤައުމުން އަނެއް ޤައުމަށް ދަސްކުރެވޭނެ ކަމަށް ވެސް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށްގެންދަނީ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން އެންއޭޕީ ގްލޯބަލް ނެޓްވަރކްގެ އެހީތެރިކަމާއެކުއެވެ. އެންއޭޕީ ގްލޯބަލް ނެޓްވަރކްއަކީ އެޑެޕްޓޭޝަން ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ.